މިހާތަނަށް ޖިނާއީ އެއްވެސް ކުށެއް ކޮށްފައި ނުވާނެ ކަމަށާއި، އެފަދަ އަމަލެއް ހިންގުމުގައި ބައިވެރިވެފައި ނުވާނެ ކަމަށްވެސް، ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.
ޒެނީޝާ މިހެން ވިދާޅުވެފައި ވަނީ، އޭނާ އާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓް (އެފްސީޕީޑީ) ގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ބަޝީރުގެ މައްޗަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ދައުވާ ކުރަން ފޮނުވާފައި ވަނިކޮށެވެ.
މައުލޫމާތު ލިބޭ ގޮތުގައި، ޒެނީޝާ އާއި ބަޝީރުގެ މައްޗަށް ދައުވާކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުޑަކުދިންގެ ހިޔާގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން، އެކަމުގައި ބައިވެރިވި ބައެއް ކުދިން ހިޔާ އިން ނެރެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު، ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވާ ކަމަށް ބުނެއެވެ.
މިކަމާ ގުޅިގެން ޒެނީޝާ ވިދާޅުވީ، އެޗްއާރުސީއެމުން ދައުވާކުރަން ފޮނުވާފައިވާ މި މައްސަލައަކީ އެއްވެސް ސައްހަ އަސާސެއްގެ މައްޗަށް ބިނާވެގެން ނުވާ މައްސަލައެއް ކަމަށާއި، މިއީ ޒާތީގޮތުން ވަކި ކޮޅަކަށް ބުރަވެ، އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކެއް ކަމަށެވެ.
އަދި، އޭނާ އެއްވެސް ޖިނާއީ ކުށެއް ނުކުރައްވާ ކަމަށާއި، އެފަދަ އެއްވެސް އަމަލެއް ހިންގުމުގައި ބައިވެރިވެ ވަޑައިގެންފައި ނުވާކަމަށްވެސް، ޒެނީޝާ ވިދާޅުވިއެވެ.
މި މައްސަލާގައި ޒެނީޝާގެ ފަރާތުން ވަކާލާތު ކުރައްވަނީ ޕްރިމިއާ ޗެމްބާޒް އެލްއެލްޕީ ލޯ ފާމުންނެވެ.
ޒެނީޝާ އާއި ބަޝީރުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާތީ، ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އދގެ ސްޕެޝަލް ރެޕަޓުއާ އޮން ފްރީޑަމް އޮފް ރިލިޖަން އޯ ބިލީފް، ޑރ އަހުމަދު ޝަހީދު ސަރުކާރަށް ފާޑު ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ޒެނީޝާއަށް ކުރި ދައުވާ އަނބުރާ ގެންދިއުމަށް ގޮވާަލައްވާފައެވެ.