ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަސް ފާހަގަ ކުރަނީ ސްޓްރޯކް ބަލީގެ ދުވަހުގެ ގޮތުގައެވެ. މިދުވަހަށް މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "މިނެޓްސް ކޭން ސޭވް ލައިވްސް" އެވެ. މި ޝިއާރުގެ މައިގަނޑު މަގްސަދަކީ މި ބަލީގެ އަލާމާތްތައް ދެނެގަނެ ވީ އެންމެ އަވަހަށް ބަލި މީހާއަށް އެހީވެ އަދި ފަރުވާ ހޯދުމަށް އަވަސް ކުރުމަށް މީހުން ހޭލުންތެރި ކުރުވުމެވެ.

ސްޓްރޯކަކީ ސިކުނޑީގައި އުފެދޭ ޒަހަމަކަށް ކިޔާނަމެކެވެ. މި ބައްޔަކީ ސިކުނޑިއަށް، ލޮލުގެ ރެޓީނާއަށް ނުވަތަ މައިބަދައަށް ވެސް ޖެހޭ ބައްޔަކެވެ. ސްޓްރޯޚެއް ހަށިގަނޑު ކޮންމެ ގުނަވަނަކަށް ޖެހުމުގެ ފުރުސަތު އޮތް ނަމަވެސް ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ގިނަ ބަޔަކަށް ސްޓްރޯކް ޖެހިފައި ވަނީ ސިކުނޑިއަށެވެ. ރާއްޖޭގައި ވެސް މިބަލި ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ރާއްޖޭގައި ސްޓްރޯކް ޖެހޭ މީހުންގެ އަދަދު އިތުރު

ހަމައެކަނި އައިޖީއެމްއެޗްގެ ސްޓްރޯކް ސެންޓަރުން ވެސް 2020 ވަނަ އަހަރުގެ އޮކްޓޯބަރު 17 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް 291 މީހަކަށް ވަނީ ހިދުމަތް ދީފައެވެ. އަދި ސްޓްރޯކަށް ފަރުވާދިނުމަށް ފަހު ދޫކޮށްލާފައިވާ ބަލިމީހުނަށް އެ ހޮސްޕިޓަލުގެ ސްޓްރޯކް ކްލިނިކުން 2020 ސެޕްޓެންބަރު 27 އިން ފެށިގެން މިހާތަނަށް 626 މީހަކަށް ވަނީ ފަރުވާ ދީފައެވެ. ވުމާއެކު މި ބައްޔާ ގުޅޭ މައުލޫމާތު އެނގުމަކީ މުހިއްމު ކަމެކެވެ. ހާއްސަކޮށް ސިކުނޑީގެ ސްޓްރޯކާ ގުޅޭ މައުލޫމާތު އެނގުން ވަރަށް މުހިއްމެވެ.

ޑަބްލިޔުއެޗްއޯގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2017 އިން ފެށިގެން މިއަދާ ހަމައަށް ސްޓްރޯކުގައި މަރުވާ ނިސްބަތް ދަށްވެފައި ހުރި ނަމަވެސް، ރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވާ 3 ވަނަ ސަބަބަކީ ސްޓްރޯކެވެ. އެއީ މަރުވާ މީހުންގެ 7.49 ޕަސެންޓެވެ. އާބާދީގެ ނިސްބަތުން ނަމަ އެއީ 36 ޕަސެންޓެވެ. ދުނިޔޭގެ ނިސްބަތުން ނަމަ ރާއްޖެއަކީ ސްޓްރޯކުގައި މީހުން މަރުވާ ނިސްބަތުން ދުނިޔޭގެ 142 ވަނަ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ. ރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވަނީ ހިތުގެ ބަލިތަކުގައެވެ. ހިތުގެ ބަލިތަކުގައި މިއަހަރުގެ މިހާތަނަށް 260 މީހަކު މަރުވެފައި ވާއިރު ދެން އެންމެ ގިނައިން މީހުން މަރުވާ ފުއްޕާމޭގެ ބަލިތަކުގައި 74 މީހަކު ވަނީ މަރުވެފައެވެ. ސްޓްރޯކު ޖެހިގެން މިއަހަރުގެ މިހާތަނަށް 70 މީހަކު ވަނީ މަރުވެފައެވެ.

ސްޓްރޯކެއް ޖެހި މޫނު އޮރިދަމައިގެންފައި ހުރި މީހެއް ރަމްޒުކޮށްދޭ ކުރެހުމެއް

ސްޓްރޯކް ޖެހެން މެދުވެރިވާ ސަބަބު؟

ސިކުނޑިއަކީ އެންމެ ގިނަ އަދަދަކަށް ލޭ ބޭނުންވާ ގުނަވަނަށް ވާއިރު މި ބަލި ޖެހުމަށް މެދުވެރިވަނީ ސިކުނޑީގެ ސެލްތައް ނުވަތަ ޓިޝޫތަކަށް ބޭނުންވާ މިންވަރަށް އޮކްސިޖަނާއި ލޭ ނުލިބުމުން އެ ސެލްތަކަށް ނުވަތަ ޓިޝޫތަކަށް އަނިޔާވުމުގެ ސަބަބުންނެވެ. ނުވަތަ ސިކުނޑީގެ ލޭނާރެއް ބްލޮކް ނުވަތަ ބެދުމާ ގުޅިގެން ނުވަތަ ލޭހޮޅިތައް ފެޅި، ލޭބޭރުވެ، ބޭނުންވާ މިންވަރަށް ސިކުނޑިއަށް ލޭނުލިބުން ސިކުނޑިއަށް އަނިޔާ ލިބިގެންނެވެ.

ކުދިކުދި ލޭހޮޅިތައް ބެދި، އެތަންތަން ހަލާކުވުމުގެ ސަބަބުން ޖެހޭ ސްޓްރޯކަކީ ކުދި ނުވަތަ މައިނާ ސްޓްރޯކެެވެ. ޒަހަމްގެ މިންވަރު ބޮޑުވެއްޖެ ނަމަ އެއީ މޭޖާ ނުވަތަ ބޮޑު ސްޓްރޯކެކެވެ. ސްޓްރޯކްގެ ބޮޑުކުޑަ މިން ކަނޑައަޅާނީ ސިކުނޑިއަށް ލިބޭ ޒަހަމްގެ ބޮޑުކުޑަ މިނަށް ބެލުމަށް ފަހުގައެވެ.

ސްޓްރޯކެއް ޖެހުމުން މައިގަނޑު ގޮތެއްގައި ހަށިގަނޑުން ތިން އަލާމާތެއް ފެނިގެން ދާނެއެވެ. އެއީ މޫނުގެ އެއްފަޅި އޮރިދަމައިގަތުން ނުވަތަ ވާވުން، ދައްކާ ވާހަކަ ދޭހަނުވުން ނުވަތަ ވާހަކަ ދައްކަން އުނދަގޫވުމާއެކު ދައްކާ ވާހަކަ ދޭހަނުވުމުގެ އިތުރަށް އަތާއި ފައިން ވާގި ނެތުމެވެ. މިއިން އެންމެ އަލާމާތެއް ފެނުނު ނަމަވެސް އެއީ ސްޓްރޯކް ޖެހުމުގެ އަލާމާތަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. މި ތިން އަލާމާތް އެކުގައި ފެނިއްޖެނަމަ އެއީ ސްޓްރޯކަކަށް ވުމުގެ ފުރަސަތު ވަރަށް ބޮޑެވެ. އިންސާނާގެ ވަޔަރިން ސިސްޓަމް ނުވަތަ ނާރުތައް ސިކުނޑިއާ ގުޅިފައި ހުންނަ ގޮތުން ސްޓްރޯކް ޖެހޭއިރު ހަށިގަނޑުގެ ކަނާއަތް ފަރާތް ވާގިނެތި ނުވަތަ ވާވެއްޖެ ނަމަ، ސްޓްރޯކް ޖެހިފައި ހުންނާނީ ސިނކުނޑީގެ ވާއަތް ފަރާތަށެވެ. ހަމަ އެގޮތަށް ވާއަތް ފަރާތް ވާގި ނެތިއްޖެ ނަމަ ސްޓްރޯކް ޖެހިފައި ހުންނަނީ ސިނކުނޑީގެ ކަނާއަތް ފަރާތަށެވެ.

ސިކުނޑިއަށް ސްޓްރޯކެއް ޖެހިފައި ހުރި މީހެއް ރަމްޒުކޮށްދޭ ކުރެހުމެއް

ސިކުނޑިއަށް ޖެހޭ ސްޓްރޯކްގެ ބާވަތްތައް

އެންމެ ގިނަ ބަޔަކަށް ޖެހޭ ސްޓްރޯކަކީ ސިކުނޑީގެ ސްޓްރޯކަށް ވާއިރު އާންމުގޮތެއްގައި ޖެހެނީ ދެވައްތަރެއްގެ ސްޓްރޯކެވެ. އެއީ އިސްކީމިކް ސްޓްރޯކް އަދި ހެމޮރެޖިކް ސްޓްރޯކެވެ. އިސްކީމިކް ސްޓްރޯކަކީ ލޭހޮޅިތައް ބެދި، އެ ލޭހޮޅިން ލެޔާއި އޮކްސިޖަން ފޯރު ކޮށްދޭ ހިސާބުގެ ސެލްތަކާއި ޓިޝޫތައް ހަލާކުވެ ސިކުނޑިއަށް ލިބޭ ޒަހަމެވެ. އަދި ހެމޮރެޖިކް ސްޓްރޯކަކީ ސިކުނޑީގެ ލޭހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުން ސިކުޑިއަށް ލޭ އެޅިގެން ސިކުޑީގެ ސެލްތަކާއި ޓިޝޫތައް ހަލާކުވެގެން ލިބޭ ޒަހަމެވެ.

މި ދެބާވަތަށް ބަލާއިރު އެންމެ ގިނައިން ފެންނަނީ އިސްކީމިކް ސްޓްރޯކެވެ.

އެންމެ ގިނަ އަދަދަކަށް މީހުންނަށް ޖެހެނީ އިސްކީމިކް ސްޓްރޯކް. ސްޓްރޯކް ޖެހޭ މީހުންގެ 85 ޕަސެންޓް މީހުންނަށް ޖެހެނީ މިބާވަތުގެ ސްޓްރޯކް
ޑރ. އައިމިނަތު ހުސެން/އައިޖީއެމްއެޗްގެ ނިއުރޮލޮޖީ ޑިޕާޓްމަންޓުގެ މެޑިކަލް އޮފިސަރެއް

ބަލި ޖެހެން މެދުވެރިވާ ބައެއް ސަބަބުތައް

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިއްހަތައް ނުހަނު ގެއްލުން ހުރި ކަމެކެވެ. މިއީ ސްޓްރޯކް ޖެހުމަށް ވެސް މަގުފަހިކުރުވާ ސަބަބެކެވެ. އަންހެނުންނަށް ބަލާއިރު ދުންފަތުގެ އިސްތިއުމާލު ކުރުމާއެކު ދަރިން ނުވިހާ ބޭސް ބޭނުން ކުރާ މީހުންނަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ. ރާއްޖޭގައި ސްޓްރޯކް ޖެހޭ މީހުންގެ ތެރެއިން 80 ޕަސެންޓް މީހުންނަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ފުރާނައަށް ނުރައްކާ ހުރި ކަމެއް/ފޮޓޯ: ގެޓީ އިމޭޖަޒް

ލޭމައްޗަށް ދިއުމަކީ ސްޓްރޯކް ޖެހުމުގެ ފުރުސަތު 4 ގުނަ އިތުރުކުރުވާ ކަމެކެވެ. އޭގެ ސަބަބުން ހިތުގެ ސައިޒު ބޮޑުވެ، ހިތުގެ ބާރު ދެރަވެގެން ދެއެވެ. މިއާއެކު ލޭގެ ޕްރެޝަރު މަތިވެ، ލޭހޮޅިތައް ފަޅައިގެން ދިއުމަށް މަގުފަހިވެއެވެ.

ހަކުރު ބަލި ހުރުމަކީ ވެސް މި ބަލި ޖެހުމަށް މަގުފަހި ކުރުވާ ކަމެކެވެ. މީގެ ސަބަބުން ލޭހޮޅިތަކުގައި ސަރުބީ ޖަމާވުމުގެ ފުރުސަތު އިތުރުވެގެން ދެއެވެ. އަދި ސަރުބީތައް ލޭހޮޅިތަކުގައި ތަތްވެ، ލޭހޮޅިތައް ހަރުވާން ދިމާވެއެވެ. މިއާއެކު ލޭގެ ހިނގުމަށް ބަދަލު އައިސް ބައެއް ފަހަރު ސްޓްރޯކެއް ޖެހުމަށް މަގުފަހި ވެއެވެ.

މީގެ އިތުރުން ވެސް ސްޓްރޯކެއް ޖެހުމަށް މަގުފަހިވާ ސަބަބުތައް ހުރެއެވެ. ވުމާއެކު މި ބަލިން ރައްކާތެރި ވުމަށް ސިއްހަތަށް ބަލައިގެން އުޅުމާ، މި ބައްޔާ ގުޅޭ މައުލޫމަތުތައް ދެނެގަނެ މިކަންކަމަށް ހޭލުންތެރިވުމަކީ މުހިއްމު ކަމެކެވެ. އަދި ސްޓްރޯކް ގެ ސަބަބުން ދިމާވެދާނެ ދާއިމީ ނުކުޅެދުންތެރި ކަމަކުން ސަލާމަތްވުމަށް ސްޓްރޯކްގެ އަލާމަތްތައް ދެނެގަނެ، ސިއްހީ އެހީތެރިކަން ހޯދުމަކީ މުހިއްމު ކަމެކެވެ.

ސްޓްރޯކެއް ޖެހި ދާއިމީ ނުކުޅެދުންތެރިއަކަށް ވިޔަ ނުދިނުމަށް ގަވައިދުން ކަސްތަރު ކުރުމާއެކު، ސިނގިރޭޓް ބުއިން ފަދަ ނުބައި ހުރިހާ އާދައެއް ދޫކޮށްލަން ޖެހެއެވެ.