އައިޖީއެމްއެޗްގައި މަސައްކަތްކުރާ އަންހެން ނަރުހެއް މަރުވި މައްސަލައާ ގުޅިގެން ހައްޔަރުކުރި އޭނާގެ ފިރިމީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މިމަހުގެ 19 ވަނަ ދުވަހު ހުށަހަޅާފައިވާ މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އުމުރުން 29 އަހަރުގެ ފިލިޕިންސް ފިރިހެނެކެވެ.

އޭނާގެ ބަންދަށް 15 ދުވަސް ޖެހީ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުންނެވެ.

އެ ނަރުހަކީ ކައިވެނި ކޮށްގެން ދަރިއެއްވެސް ހުންނަ މީހެކެވެ. އަދި އޭނާގެ ފިރިމީހާ ވެސް މަސައްކަތް ކުރަނީ އައިޖީއެމްއެޗްގައި ނަރުހެއްގެ ގޮތުގައި ކަމަށް މައުލޫމާތު ލިބެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ނަރުސް މަރުވެފައި އޮއްވާ ފެނިފައި ވަނީ އޭނާގެ ފިރިމީހާއާ ދިމާވި މައްސަލައަކަށް ފަހުއެވެ.

މި މައްސަލައިގައި، އެ އަންހެންމީހާ މަރުވީ ދަންޖެހިގެން ކަން ކަށަވަރު ވެފައި ނުވާ ކަމަށާއި އަދި އެ އަންހެންމީހާގެ ކަރުގައި ދަންޖެހިފައިވާ ކަމުގެ ނިޝާނެއް ވެސް ފެންނަން ނެތް ކަމަށް ފުލުހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. ނަމަވެސް މި ކަމާ ގުޅިގެން 'ދަ ޕްރެސް' އިން ފުލުހުންނާ ސުވާލު ކުރުމުން ފުލުހުން ބުނީ، މި މައްސަލާގައި ބަލަންޖެހޭ އިތުރު ކަންތައްތަކެއް ހުރުމާއެކު، މި މައްސަލަ ބަލަމުންދާ ކަމަށެވެ.

މިހާރު އެ އަންހެން މީހާގެ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް އޭނާގެ ހަށިގަނޑު ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.