ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ)ގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރުގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފިއެވެ.
އެޗްއާރްސީއެމަށް ހުށަހެޅި މައްސަލައެއް އެ ކޮމިޝަނުން ތަހުގީގު ކުރުމަށްފަހު ޒެނީޝާއާއި ބަޝީރުގެ އިތުރުން އެ މައްސަލާގައި ޖެންޑާ މިނިސްޓްރީގެ ބައެއް މުވައްޒަފުންނާއި ބައެއް ފުލުހުންގެ މައްޗަށް ވެސް ދައުވާ ކުރަން ފޮނުވާފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން، ޒެނީޝާއާއި ބަޝީރުގެ މައްޗަށް ދައުވާކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުޑަކުދިންގެ ހިޔާގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން އެކަމުގައި ބައިވެރިވި ބައެއް ކުދިން ހިޔާ އިން ނެރެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވާތީއެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިސަރު އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު ބައެއް މީޑިއާތަކަށް ވިދާޅުވީ ޒެނީޝާއާއި ބަޝީރު ހިމެނޭ ގޮތަށް އިތުރު ބައެއްގެ މައްޗަށް ދައުވާ ކުރަން އެޗްއާރްސީއެމުން ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލާގައި އަންނަ ހަފްތާގައި ގޮތެއް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.