ކޮންމެ މީހެއްވެސް ތައުލީމު ހާސިލްކުރަނީ ނުވަތަ ކިޔަވަނީ ހަމައެކަނި އަމިއްލަ ނަފްސަށް އެކަންޏެއް ނޫން ކަމަށާއި، އިލްމު އުނގެނި ތައުލީމު ހާސިލްކުރަނީ އެ އުނގެނޭ އިލްމެއްގެ ސަބަބުން މުޖުތަމައު އަށްވެސް ފައިދާ ކުރުމަށްޓަކައި ކަމަށް، ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރޭ ފުވައްމުލަކު ސިޓީގެ ހާފިޒް އަހުމަދު ސްކޫލްގައި ބޭއްވި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ފުވައްމުލަކު ގޮފީގެ ދަރިވަރުންގެ ދަސްވެނިވުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، ނައިބު ރައީސް ވިދާޅުވީ، އިލްމެއް އުނގެނޭ މީހާގެ ފަރާތުން، އެހެން މީހުންނަށްވެސް ރަނގަޅު ގޮތުގައި ފައިދާ ކުރަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން އެއްޗެއް ކިޔަވައިފި ނަމަ، އެއްޗެއް އުނގެނިއްޖެ ނަމަ، އަޅުގަނޑުމެން އެކަން ދައްކައިދޭން ޖެހޭނެ. އަޅުގަނޑުމެންގެ ފަރާތުން، އެ އުނގެނޭ މީހާގެ ފަރާތުން އެހެން މީހަކަށް އޭގެ ރާހަތެއް، އޭގެ ފައިދާއެއް ކުރަން ޖެހޭނެ. ތިމާ ކިޔަވަނީ ހަމައެކަނި ތިމާގެ ނަފްސަށް އެކަންޏެއް ނޫނޭ، އެއީ މުޅި މުޖުތަމައު ފައިދާ ކުރުމަށްޓަކައި ކުރާ ކަމެކޭ."
ފައިސަލް ނަސީމް, ނައިބު ރައީސް

އެއާއެކު، ނައިބު ރައީސް ވަނީ މިއަދު ކޮންމެ މީހަކަށްވެސް އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އިސްލާމްދީން ގޮވާލަނީ އެކަކު އަނެކަކަށް މަދަދުވެރިވެ، ކުލުނު އިސްކުރުމަށް ކަމަށްވާއިރު، ވެވުނު މިންވަރަކުން އެކަކު އަނެކަކަށް އެހީތެރިވެ، ކުލުނާއި މަދަދު އިސްކުރުމަށް ހުރިހާ ރައްޔިތުންގެ ކިބައިން އިލްތިމާސް ކުރައްވާފައެވެ.

އަދި ދުޅަހެޔޮ ޖީލެއް ބިނާ ކުރުމަށްޓަކައި އެންމެން އެކުގައި މަސައްކަތް ކުރެއްވުމަށާއި، ލިބިފައިވާ އިލްމު ބޭނުންކޮށްގެން ދަރިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށް، ބެލެނިވެރިންގެ ކިބައިން ނައިބު ރައީސް އެދިވަޑައިގަތެވެ.

މީގެ އިތުރުން، ފުވައްމުލަކުގައި މިހާރު ހުރި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފި ފުރިހަމަ ސެންޓަރެއްގެ ގޮތުގައި ހަދާ، އެ ސެންޓަރަކީ ދެކުނުގެ ސަރަހައްދަށް ފައިދާ ހުރި ސެންޓަރެއްގެ ގޮތުގައި ހަދާނެ ކަމަށާއި، އެގޮތުން ސަބަބުން، ޤުރުއާން ހިތުދަސްކުރުމަށް ފަހު ހަދާ ހާފިޒުކަމުގެ ޓެސްޓު ސީދާ އެ ސެންޓަރުން ލިބޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައި 184 ދަރިވަރަކަށް ވަނީ ކޯސް ފުރިހަމަކުރި ކަމުގެ ސެޓިފިކެޓް ދީފައެވެ. އެގޮތުން:

  • ޖަމާއަތްތެރިކަމުގެ ކޯސް: 27 ދަރިވަރުން
  • ގިރާއަތު ސެޓިފިކެޓް 1: 45 ދަރިވަރުން
  • ގިރާއަތު ސެޓިފިކެޓް 2: 38 ދަރިވަރުން
  • ގިރާއަތު ސެޓިފިކެޓް 3: 28 ދަރިވަރުން
  • ގިރާއަތު ސެޓިފިކެޓް 4: 16 ދަރިވަރުން
  • އިމާމް ކަމުގެ ޑިގްރީ ކޯހުގެ ސެޓިފިކެޓް: 17 ދަރިވަރުން
  • ޤުރުއާން މުދައްރިސްކަމުގެ ޑިގްރީ ކޯހުގެ ސެޓިފިކެޓް: 13 ދަރިވަރުން