ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ދަފްތަރުގައި ރަޖިސްޓްރީ ކުރި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ޕާލިމެންޓް ގްރޫޕްގެ ލީޑަރަކަށް، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް، އަދި ނައިބު ލީޑަރަކަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ހަމަޖައްސައިފިއެވެ.
އެމްއެންޕީން ބުނީ، ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެ ޕާޓީ ރަޖިސްޓްރީ ކޮށްފައި އޮތުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީ ތަމްސީލް ކުރުމަށްޓަކައި، މަޖިލީހުގެ އިދާރާއިން ވަނީ އެ އިންތިޒާމް ހަމަޖައްސައިދީފައި ކަމަށެވެ.
އެހެންކަމުން، މަޖިލީހުގައި އެމްއެންޕީ ތަމްސީލު ކުރައްވާނީ ތިން މެމްބަރުންނެވެ. އެ ތިން މެމްބަރުންނަކީ:
- ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް
- ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް
- ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް
މީގެ އިތުރުން، އެ ތިން މެމްބަރުންނަކީ އެމްއެންޕީގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ތިން މެމްބަރުންނެވެ. އެގޮތުން ނާޒިމަކީ ޕާޓީގެ ރައީސަށްވާއިރު، ރިޔާޒާއި އުޝާމަކީ އެ ޕާޓީގެ ދެ ނައިބު ރައީސުންނެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެމްއެންޕީ ރަޖިސްޓްރީ ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގައެވެ. އެ ޕާޓީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 15 ގައި، 5،000 އަށް ވުރެ ގިނަ މީހުންގެ ފޯމާ އެކުގައެވެ.