ގަލޮޅު މަދަރުސާގައި ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ ހަތަރު އަހަރުގެ ކުޑަކުއްޖާގެ މައްސަލައިގެ ތަހުގީގު ލަސްވަމުންދާތީ ކަންބޮޑުވުން ފާޅުކޮށް، އެ ތަހުގީގު ހިނގަމުންދާ ގޮތުގެ މައުލޫމާތު ހޯދުމަށް، ބެލެނިވެރިން ގޮވާލައިފިއެވެ.

ޖިންސީ ގޯނާއާ ދެކޮޅަށް އަޑުއުފުލާ ހަރަކަތަކާއި ބެލެނިވެރިން ގުޅިގެން ނެރުނު ބަޔާނުގައި، ބެލެނިވެރިން ބުނީ، މި މައްސަލައިގެ ތަހުގީގު މަރުހަލާ ލަސްވެ، ފިޔަވަޅު އެޅުން ލަސްވެގެން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، އެއްވެސް އިދާރާއަކުން މި މައްސަލައާ ގުޅޭ މައުލޫމާތު ހިއްސާ ނުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ހަމަ އެއާއެކު، ޖިންސީ ގޯނާގެ އަމަލުތަކަކީ ސްކޫލް މާހައުލުގައި ހިނގަން ވާނެ ކަންތައްތަކެއް ނޫން ކަމަށާއި، މުދައްރިސުންނާއި ސްކޫލްތަކުގެ އެހެނިހެން މުވައްޒަފުންގެ ފަރާތުން ދަރިވަރުންނަށް ޖިންސީ އަނިޔާ އަށް ކުރިމަތިލާން ޖެހުން ބަލައި ނުގަނެވޭނެ ކަމަށާއި، މިކަމުގެ ސަބަބުން ދަރިން ސްކޫލްތަކަށް ފޮނުވަން މައިންބަފައިންގެ މެދުގައި ނުތަނަވަސްކަން އުފެދި، ކުދިންގެ ތައުލީމަށް ބުރޫ އެރުން އެކަށީގެންވާ ކަމަށް، ބެލެނިވެރިން ބުންޏެވެ.

މިގޮތުން ބެލެނިވެރިން ވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީގެ ކިބައިން އަށް ކަމަކަށް އެދިފައެވެ. އެ ކަންތައްތަކަކީ:

  • ހަތަރު އަހަރުގެ ކުއްޖާގެ ތަހުގީގު ގޮސްފައިވާ ހިސާބު ހާމަކުރުން
  • ޖިންސީ ގޯނާގެ މައްސަލަ ހިނގާފައިވާ ސްކޫލެއްގައި އެހެން އެއްވެސް ކުއްޖެއް ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވޭތޯ ތަހުގީގު ކުރުން
  • މިފަދަ އިތުރު ހާދިސާއެއް ހިނގިޔަ ނުދިނުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ އާއި ކުރި މަސައްކަތްތައް ހާމަކުރުން
  • ސްކޫލް މާހައުލަކީ ކުދިންނަށް ރައްކާތެރި މާހައުލެއްކަން ޔަގީން ކުރުމަށްޓަކައި ސްކޫލްތަކުގައި ސޭފްޓީ އޮޑިޓެއް ކުރިއަށް ގެންގޮސް ކުދިންނަށް ނުރައްކަލެއްހެން ހީވާ ކަންތައްތައް ފާހަގަކޮށް އެ ކަން އިސްލާހުކުރަން ކުރި ކަންތައް ހާމަކުރުން
  • ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ ރައްކާތެރިކަމަށް އެޅި ފިޔަވަޅުތައް ތަންފީޒު ކުރަމުންދޭތޯ ބަލައި މޮނީޓާ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގައި ހާއްސަ އޮފިޝަލުން ކަނޑައެޅުން
  • މި ހާދިސާ ހިނގި ސްކޫލާއު އެހެނިހެން ސްކޫލެއްގެ ބެލެނިވެރިންނާ ޖެންޑާ މިނިސްޓްރީންނާއި ފުލުހުންނާއި އެޑިއުކޭޝަން މިނިސްޓްރީން ބައްދަލު ކުރަން ބޭނުންވެއްޖެ ހިނދު، ބެލެނިވެރިންގެ ކަންބޮޑުވުން ފާޅު ކުރުމަަށް ފުރުސަތު ދިނުން އަދި އެމީހުންގެ ހިޔާލުތައް ހޯދައި، އިސްލާހީ ބަދަލުތައް ގެނައުން
  • މިފަދަ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އަޅާއިރު މައްސަލައާ ގުޅުން ހުރި މީހުން މަގާމުން އެކަހެރި ކުރުމުގެ ބަދަލުގައި މިފަދަ މީހުންނަށް ކުދިންނާ އެކު މަސައްކަތް ކުރަންޖެހޭ އެއްވެސް ވަޒީފާއެއް އަދާކުރުމުގެ ފުރުސަތު ނުދިނުން
  • ސްކޫލްތަކަށް ވަޒީފާއަށް މީހުން އައްޔަން ކުރުމުގައި ބެކްގްރައުންޑް ރަނގަޅަށް ބަލާފައި ވަޒީފާ ދިނުން

މީގެ އިތުރުން މި މައްސަލާގައި ބެލެނިވެރިން ވަނީ މި އެދުނު ކަންތައްތަކަށް ކަމާބެހޭ ފަރާތްތަކުން އިޖާބަ ދިނުމަށާއި، މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާއާއި އޭނާއަށް އެހީތެރިވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލާފައެވެ. އަދި ސްކޫލްތަކަކީ ހުރިހާ ދަރިވަރުންނަށް ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށްވެސް ވަނީ ގޮވާލާފައެވެ.