އައްޑޫ ސިޓީ މަރަދޫ ފޭދޫގައި ބައިސްކަލަކާއި ސައިކަލެއްޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހުގެ ރޭ އައްޑޫ ސިޓީ މަރަދޫ ފޭދޫ ބޮޑުމަގުގައި ބާރު ސްޕީޑުގައި ދުއްވައިފާ ދިޔަ ސައިކަލެއް ބައިސްކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު އެ ރޭ 8:05 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވި 20 އަހަރުގެ ދިވެހި ފިރިހެނަކާއި ބައިސްކަލު ދުއްވި 76 އަހަރުގެ ދިވެހި ފިރިހެނަކަށް ކަަމަށެވެ. އަދި މި ދެ މީހުންނަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ހޮސްޕިޓަލްގައި ވަނީ ފަރުވާދީފައެވެ.

ސައިކަލް ދުއްވި ފިރިހެން މީހާ އިތުރު ފަރުވާއަށް އިއްޔެ މާލެ ގެނެސްފައިވާއިރު މިއަދު ބައިސްކަލް ދުއްވި މީހާ ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ދެ މީހުންނަށް ވެސް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗް ހޮސްޕިޓަލްގައެވެ.

ފުލުހުން އިތުރަށް ބުނީ، ސައިކަލް ދުއްވި ފިރިހެން މީހާ އަކީ ލައިސަސް ނެތް މީހެއް ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.