ގާތްގަނޑަކަށް ހަފްތާއެއް ވަންދެން، އައްޑޫ ހިތަދޫގެ މޫދަށް ވެއްޓިފައި އޮތް ހައިމާކަކުން ތެޔޮ ލީކުވެ، އެ ސަރަހައްދުގެ މޫދުގެ ދިރުންތަކަށް ގެއްލުންވި މައްސަލައެއް، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބަލަން ފަށައިފިއެވެ.

އެ އޭޖެންސީގެ އޮފިޝަލެއް "ދަ ޕްރެސް" އަށް ވިދާޅުވީ، މީގެ ދެތިން ދުވަހެއް ކުރިން މިފަދަ މައްސަލައެއް ވަނީ އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށާއި، އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން މި މައްސަލަ ބަލަމުންދާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ހައިމާކު ވެއްޓިފައިވާ ސަރަހައްދުތަކަށް ތެޔޮ ލީކުވެ، އެ ތެލުގެ ސަބަބުން މަސްތައް ވަނީ މަރުވެފައެވެ. އަދި މަސްތައް މަރުވެ، ގޮނޑުދޮށަށް ވަނީ ލައްގާފައެވެ. މިކަމާ ގުޅިގެން ބައެއް ސޯޝަލް މީޑިއާގައި ފާޑުކިއުންތައްވެސް ވަނީ އަމާޒުވެފައެވެ.

އައްޑޫ ކައުންސިލުން ބުނީ، އެ ހައިމާކު ވެއްޓުނީ ވެލި ނެގުމުގެ ސަރަހައްދުގައި މަސައްކަތް ކުރަމުން ދަނިކޮށް ކަމަށާއި، މީގެ ފަސް ދުވަސް ކުރިން އެ ހައިމާކު ވަނީ ނަގާފައި ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށްވެސް ބުންޏެވެ.

މޫދަށް ވެއްޓިފައިވަނީ އެ ސަރަހައްދުގައި މަސައްކަތް ކުރަމުންދިޔަ އިންޑިއާ ކުންފުންޏެއްގެ އެކްސްކެވޭޓަރެކެވެ.

މީގެ އިތުރުން، މިދިޔަ އޮގަސްޓު މަހު ކ. ރަސްފަރީގެ ފަރަށް ބޭރުގެ އުޅަނދެއް އެރުމާ ގުޅިގެން، އެ ސަރަހައްދަށް ލިބުނު ގެއްލުންތަކަށް ބެލުމަށް ފަހު، އެ އުޅަނދު ވަނީ 100 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.