މިދިޔަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު ކ. ރަސްފަރީގެ ފަރަށް ބޯޓެއް އެރުމުގެ ސަބަބުން އެ ފަރަށް 800 މިލިއަނަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާއިރު ބޯޓު ޖޫރިމަނާ ކުރީ 100 މިލިއަން ދިވެހި ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.
އެ އުޅަނދު ޖޫރިމަނާކޮށްފައި ވަނީ "އެމްވީ ނެވިއޯސް އެމެރައިލިސް" ނަމަކަށް ކިޔާ އެ ބޯޓު ރަސްފަރީ ފަރަށް އެރުމާ ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ގާނޫނު ނަންބަރު:4/93 ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު ގެ ދަށުން ހަދާފައިވާ ގަވާއިދު ނަންބަރު:9-R/2011 ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު ގެ ދަށުންނެވެ.
އީޕީއޭއިން ވަނީ އެ އެޖެންސީއަށް 30 ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެ އުޅަނދުގެ ރާއްޖޭގެ އެޖެންޓު، އެންޓްރެކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް މި މަހުގެ 25 ވަނަ ދުވަހު އަންގާފައެވެ.
އީޕީއޭއިން ބުނީ އެ އުޅަނދު ފުންކޮށް ނިމުމުން އެ ސަރަޙައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އެ އެޖެންސީއާއި އެމްއެންޑީއެފް އާ ގުޅިގެން އެ ސަރަހައްދު ބަލައި ސާވޭ ކޮށްފައިވާ ކަމަށެވެ. އަދި ބެލިބެލުމުން އެ ފަރުގެ 8867 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވާކަން ވަނީ ފާހަގަކުރެވިފާ ކަމަށްވެސް އީޕީއޭއިން ބުނެއެވެ.
ގަވާއިދު ނަންބަރު:9-R/2011 ގެ ދަށުން ތިމާވެށްޓަށް ލިބުނު ގެއްލުންތައްބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާއާއި ބަދަލުގެ އަދަދަކީ 893,952,569.83 ކަމަށް އީޕީއޭއިން ބުނެއެވެ. އެހެންނަމަވެސް، ގާނޫނު ނަންބަރު:4/93ގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު ޢަދަދަކީ 100 މިލިއަން ރުފިޔާ ކަމުގައި ވާތީވެ، 100 މިލިއަން ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދައްކާ ހަލާސް ކުރުމަށް އަންގާފައިވާ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.
އީޕީއޭއިން އިތުރަށް ބުނީ، ރަސްފަރީގެ ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް ގާނޫނު ނަންބަރު:4/93 ގެ 10 ވަނަ މާއްދާގެ ދަށުން ޝަރީއަތް މެދުވެރިކޮށް އެޓާނީ ޖެނެރަލްގެ އޮފީހާ އެކުގައި ފަށައިވާ ކަމަށެވެ.
ރަސްފަރި އާއި އެ ރަށުގެ ވަށައިގެންވާ ފަރަކީ ގާނޫނު ނަންބަރު:4/93 ގެ ދަށުން ސެޕްޓެމްބަރު 27 ،1995 އިން ފެށިގެން ހިމާޔަތް ކޮށްފައިވާ ސަރަޙައްދެކެވެ.
ނަޢިމަށް ފެންނަ ގޮތަކަށް ޖުރުމާނަ ކުރާނީ.އޭނައަށް ކިޔަވައި ދިން މިހާ ޖުރުމަނަ ކުރާކަށް ނުކެރުނު.