ފުވައްމުލަށް ސިޓީގެ އިހުގެ ނެރުތައް ބަންދު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިމަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

އެރަށުގެ އިހުގެ ނެރުތައް ބަންދު ކުރުމުގެ މަސައްކަތް ފެއްޓުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ.

މިރަސްމިއްޔާތުގައި ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމާއި، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި، ފުވައްމުލައް މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީއާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިންނާއި، ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރު އިސްމާއީލް ރަފީގާއި، ޑެޕިއުޓީ މޭޔާ މުހައްމަދު ފިކުރީ ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީއިން ބުނީ މި މަސައްކަތަކީ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށާއި މި މަސައްކަތުގެ މަގްސަދަކީ ފުވައްމުލަކުގައި މި ނެރުތަކުގެ ސަބަބުން ކުރިން ދިމާވެފައިވާފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުން ކަމަށެވެ.

އެމްޓީސީސީއިން ބުނީ މުޖުތަމައާއި ގުޅުންހުރި މިކަހަލަ މަސައްކަތްތަކުގައި ކުންފުނިން ހިއްސާވުމަކީ އެ ކުންފުނި އުފެދުނީއްސުރެ ސަގާފަތުގައި ހިމެނޭ ކަމަށެވެ.

އެމްޓީސީސީގެ އަމާޒަކީ ކުންފުނިން ކުރިއަށްގެންދިޔަ އެހެނިހެން މަޝްރޫއުތަކެކޭ އެއްފަދައިން އެ އަމަލީ މަސައްކަތް އިފްތިތާހް ކުރެވުނު މަޝްރޫއުވެސް ކާމިޔާބު ކަމާއެކު ނިންމާލައި ސަރުކާރާވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ހަވާލުކުރުން ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.