ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގައި ދިރިއުޅޭ ދިވެހިންނާއި ދިވެހި ޑިޕްލޮމޭޓުންނާއި އެބޭފުޅުންގެ އާއިލާތަކުގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު، ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން މިއަދު ކުރިއަށް ދިޔައީ ދުބާއީމޯލް ގައެވެ. މި ބައްދަލުވުމުގައި ރައީސްގެ ދެކަނބަލުން ވަނީ ދިވެހި އާއިލާތަކާ ހިޔާލު ބަދަލުކުރައްވައި އެ ބޭފުޅުންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.

ރައީސްގެ ދެކަނބަލުން ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ދުބާއީ އެކްސްޕޯ 2020ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރާއްޖޭގެ މަތީފަންތީގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ދުބާއީގެ ވެރިޔާ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމާ އެކު ރައީސްގެ ދެކަނބަލުން އިއްޔެ ވަނީ ދުބާއީ އެކްސްޕޯގައި ހުރި ރާއްޖޭގެ ޕެވީލިއަން އަށް ވަޑައިގެން އެތަނުގައިވެސް ވަގުތުތަކެއް ހޭދަކުރައްވާފައެވެ.