އޮޅުވާލުންތަކެއް އޮޅުވާލައިގެން މާލީ ގޮތުން ބަޔަކަށް ގެއްލުން ދިނުމުގެ ޖަރީމާތަކެއް ހިންގަމުން އަންނަ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައި ވާ ކަމަށާ، މިފަދަ އޮޅުވާލުންތަކަށް ސަމާލުވެ ތިބުމަށް، އަވަށްޓެރި ސްރީލަންކާގެ މަރުކަޒީ ބޭންކު (ސީބީއެސްއެލް) އިން އިލްތިމާސް ކޮށްފިއެވެ.

މި ސްކޭމް ނުވަތަ އޮޅުވާލުން ހިންގަމުން ދަނީ، އެމީހުންގެ އެކައުންޓްތަކަށް ބޭރު ފައިސާ ނުވަތަ ލަންކާ ފައިސާގެ ބޮޑު އަދަދެއް ޖަމާ ކޮށްފައި ވާ ކަމަށާ، ނަމަވެސް އެ މީހުންގެ އެކައުންޓްތައް ލޮކް ކޮށްފައި ހުރި ކަމަށް ބުނެ، އެ ފައިސާ ދޫކޮށްދެވޭ މީހަކަށް، "ރަނގަޅު" މާލީ ބަދަލެއް ދޭނެ ކަމަށް ބުނެ، ހީލަތް ހަދައިގެން ކަމަށް ސީބީއެސްއެލްއިން ބުނެއެވެ.

މި ގޮތަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ ތެރޭގައި، ހެކީގެ ގޮތުގައި ވަގު ލިޔެކިއުންތަކެއްވެސް ދައްކާ ކަމަށާ، ފައިސާ ދޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކާއި މަރުކީ ބޭންކުގެ ރުހުން ބޭނުން ވާ ކަމަށް ބުނެ، އޮޅުވާލާ ކަމަށްވެސް އެ ބޭންކުން އާންމު ކުރި ބަޔާނެއްގައި ވެއެވެ.

މި ފަދައިން ފައިސާ ހޯދުމަށް ކުރަމުން ދާ މަސައްކަތުގެ ތެރެއިން، ކަސްޓަމަރުގެ ޕިން ނަމްބަރާއި، ކާޑް ވެރިފިކޭޝަން ވެލިއުގެ އިތުރުން ވަންޓައިމް ޕާސްވޯޑާއި ޔޫޒާ އައިޑީއާއި ކްރެޑިޓް/ޑެބިޓް ކާޑުގެ މައުލޫމާތު ހޯދާ ކަމަށް ސްރީލަންކާގެ މަރުކަޒީ ބޭންކުން ބުނެއެވެ.

ސްރީލަންކާގެ މަރުކަޒީ ބޭންކުން ވަނީ، ބޭންކިންގްގެ ހިދުމަތްތަކާ ގުޅިގެން ވަގުތުން ނޯޓިފިކޭޝަން ލިބޭނެ ގޮތް، އެމީހެއްގެ ބޭންކު މެދުވެރިކޮށް، ވީ އެންމެ އަވަހަކަށް ހަމަޖެއްސުމަށްވެސް އާންމުންނަށް އިރުޝާދު ދީފައެވެ. މިކަން މިހެން ކުރުމުން، އެކައުންޓާ ގުޅިގެން ހިނގާ މުއާމަލާތުގެ މައުލޫމާތު، ވަގުތުން ކަސްޓަމަރަށް ލިބި، އެކި ކަހަލަ ހިޔާނާތްތަކަށް ސަމާލުވުމަށް އެހީއަކަށް ވެދެއެވެ.