އިންވެސްޓަރުންނަށް ފުރިހަމަ މަރުހަބާއެއް ކިއުމަށް ރާއްޖެ ތައްޔާރު އޮތް ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ދުބާއީގައި ބޭއްވި މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގައި ދެއްވި ކީނޯޓް ސްޕީޗްގައި، ރައީސް ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ، ރާއްޖޭގެ ދާއިރާތައް ސިންދަފާތުކޮށް، ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށާއި، ތިމާވެށި ދެމެހެއްޓުމާއި، މުޖުތަމައުގެ ފުދުންތެރިކަން އިތުރުކުރުމަށް ކަމަށެވެ.

އަދި މި ލަނޑުދަނޑި ތަކަކީ އެކްސްޕޯ 2020 ގައި ހުށަހަޅާފައިވާ ކަންތައްތަކާ އެއްގޮތް ލަނޑުދަނޑިތަކެއް ކަން ފާހަގަ ކުރައްވައި، ރައީސް ވަނީ ޕްރައިވެޓް ސެކްޓާ ތަރައްގީ ކުރުމަކީ، ސަރުކާރުގެ އިގްތިސޯދީ އިސްލާހީ އެޖެންޑާގެ އަސާސެއްކަން ފާހަގަ ކުރައްވާފައެވެ

ރައީސްގެ ވާހަކަފުޅުގައި، އިންވެސްޓަރުންނަށް ފަހި މާޙައުލެއް ޤާއިމް ކޮށްދިނުމާއި، ވިޔަފާރިތައް ކުރިއެރުވުމަށާއި، މާލީ ތަނަވަސްކަން އިތުރުކުރުމަށާއި، އިންވެސްޓަރުންނަށް މިހާރަށްވުރެ ބޮޑަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން، ކޮންމެހެން ބޭނުންނުވާ ބިއުރޯކްރެޓިކް ރެޑް ޓޭޕް އުވާލުން ހިމެނޭ ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ އިންވެސްޓްމަންޓް ކްލައިމެޓް ކުރިއެރުވުމަށްޓަކައި، ރާއްޖޭގެ ގުދުރަތީ ސަރަހައްދަށް ރިޢާޔަތްކޮށް، ހަރުދަނާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި، އުމްރާނީ ވަސީލަތްތަކާއި، ދަތުރުފަތުރާއި، ހިދުމަތްތަކާއި، ހަކަތައިގެ ދާއިރާއިން އާ އިންވެސްޓްމަންޓްތައް ކުރުމަށް މަގުފަހިކުރުމުގެ މަގްސަދުގައި ގެނެވުނު އިސްލާހުތަކުގެ ސަބަބުން ރާއްޖޭގެ ގާނޫނީ މާހައުލު އެތައް ގުނައެއް ރަނގަޅުވެގެން ގޮސްފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.