ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން، ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ ފަސްވަނަ ބްލޮކް މަރާމާތު ކުރުމުގެ މަސައްކަތް ނިންމާ، އެ އިމާރާތް ޖެންޑާ މިނިސްޓްރީ އާ ހަވާލު ކޮށްފިއެވެ.

ގުރައިދޫ މަރުކަޒުގެ ފަސްވަނަ ބްލޮކް މަރާމާތު ކުރުމަށް ސްޓެލްކޯ އިން ކުރި މަސައްކަތްތަކުގެ ތެރޭގައި، އިމާރާތުގެ ފާހާނާތަކާއި ފްލޯގެ ތަށިމުށި ބަދަލު ކުރުމާއި، ބަދިގެ މަރާމާތުކޮށް ކަބަޑު ސެޓެއް ހަރު ކުރުމާއި، އިމާރާތްތަކުގައި ހަލާކުވެފައިވާ ތަންތަން މަރާމާތު ކުރުމާއި،. ކުލަލުން ފަދަ މަސައްކަތްތައް ހިމެނެއެވެ.

އެ މަސައްކަތް ނިންމައި، ޖެންޑާ މިނިސްޓްރީ އާ އެ އިމާރާތް ސްޓެލްކޯ އިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއެވެ.

އިމާރާތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މިނިސްޓަރު ވިދާޅުވީ ސްޓެލްކޯ އިން މި މަރުކަޒު މަރާމާތު ކުރުމާ ގުޅިގެން، އިތުރު 28 ޖާގައެއް އިތުރުވެފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ގިނަ މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެން ހިނގައްޖެ ކަމަށެވެ.

ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒަކީ އުޅޭނެ ތަނަކާއި އަޅާލާނެ ބަޔަކު ނެތް މީހުން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްގެން ބަލަހައްޓަމުންދާ ތަނެކެވެ. މިހާރު އެ މަރުކަޒުގައި މީހުން ބަލަހައްޓާތާ 24 އަހަރު ވެއްޖެއެވެ.