ހިޔާ މަޝްރޫއުގައި މަކަރާއި ހީލަތުން ކޮރަޕްޝަން ހިނގި ކަމަށް ބުނެ މައްސަލަ ތަހުގީގުކުރަން ގޮވާލާ މަޖިލީހަށް ހުށައަޅައިފިއެވެ.

އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހެވެ. ގަރާރު ހުށަހަޅުއްވަމުން ފަލާހު ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެޅި 7000 ހައުސިން ޔުނިޓްގެ މަޝްރޫއުން ފައިދާވާ ގޮތައް އޮއްވާ މަކަރާއި ހީލަތުން އެ މަޝްރޫއު ތެރޭގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށެވެ. އަދި އެކަމުގައި އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވެސް ފަލާހުގެ ގަރާރުގައި ވަނީ ގޮވާލައްވާފައެވެ.

ހިޔާ ފުލެޓު އެޅި ސަރަހައްދުގައި އަސާސީ ހިދުމަތްތައް ގާއިމުކޮށްފައި ނުވަނީ ކުރީ ސަރުކާރުން ކަމަށްވެސް ފަލާހު ވިދާޅުވިއެވެ. އަދި ފަލާހު ވިދާޅުވީ އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅެން ފަސޭހަވާނެ ގޮތަށް ކަންކަން ހަމަޖެއްސުމުގެ ބަދަލުގައި ރައްޔިތުންނަށް ދަތިވާނެ ގޮތަށް ކަންކަން ހިންގާފައިވާ ކަމަށެވެ.

ފަލާހް ހުށަހެޅުއްވި މައްސަލައިގައި އިތުރަށް ބުނީ ހިޔާ ފްލެޓު މަޝްރޫއު ހިންގާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ދައުލަތަށް ގެއްލުންވާ ގޮތަށް ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދޭންކަން ވެސް އޮޑިޓު ރިޕޯޓުން ސާފުކޮށް ފެންނަން އޮތް ކަމަށެވެ.

ހިޔާ މަޝްރޫގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ކަނޑައެޅި 6،600 ރުފިޔާ އަކީ ގޯސް ހިސާބެއް ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.