އެންމެ ހައި ރިސްކު މީހުންނަށް ޖަހަން ފަށާފައިވާ ތިންވަނަ ޑޯޒް، ނުވަތަ ބޫސްޓާ ޑޯޒް، ހާހަކަށް ވުރެ ގިނަ މީހުން ޖަހައިފި ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބޫސްޓާ ޑޯޒް ޖަހަން ފަށާފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުން ފެށިގެންނެވެ. އެ އޭޖެންސީން ބުނީ ބޫސްޓާ ޑޯޒްގެ ގޮތުގައި ޖެހުމަށް ހަމަޖެހިފައި ވަނީ ފައިޒާ ވެކްސިން ކަމަށާއި، ބޫސްޓާ ޑޯޒް ޖަހާނީ ވެކްސިން ފުރިހަމަކުރި ފަރާތްތަކުގެ ތެރެއިން ހަ މަސްދުވަސް ފުރިހަމަކުރި ފަރާތްތަކަށް އެކަނި ކަމަށެވެ.

ބޫސްޓާ ޑޯޒް ޖަހަން ހަމަޖެހިފައިވާ މީހުން

  • ފްރަންޓް ލައިންގަ މަސައްކަތް ކުރާ ސިއްހީ މުވައްޒަފުން
  • 60 އަހަރުން މަތީގެ މީހުން
  • ދިފާއީ ނިޒާމް ބަލިކަށި މީހުން

ދިފާއީ ނިޒާމް ބަލިކަށި މީހުންގެ ގޮތުގައި ހިމެނޭ މީހުން

  • ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން
  • ދިފާއީ ބާރު ބަލިކަށިވާ ފަދަ ބޭސްތައް ބޭނުންކުރާ މީހުން
  • ދިގު މުއްދަތަކަށް ސްޓިރޮއިޑް ބޭނުންކުރާ މީހުން
  • ގަވާއިދުން ޑައަލިސިސް ހަދާ މީހުން
  • ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ، ނުވަތަ ފަރުވާ ހޯދުމަށް ފަހު އަހަރެއް ނުވާ މީހުން
  • އޮކްސިޖަން ތެރަޕީގެ ފަރުވާ ހޯދަމުންދާ ނުވަތަ ފަރުވާ ހޯދަން ޑޮކްޓަރުން ލަފާ ދީފައިވާ މީހުން
  • ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ހޯދާ މީހުން
  • ފުރަމޭގެ ބަލިތަކަށް ފަރުވާ ހޯދާފައިވާ މީހުން
  • ހަކުރުބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުން ވެފަވާ މީހުން
  • އުމުރުން ދުވަސްވުމުން ނުވަތަ ބައްޔެއްގެ ސަބަބުން އެނދުމަތި ވެފަވާ މީހުން
  • ހިތުގެ ބަލިތަކަށް ފަރުވާ ކުރާ މީހުން

އެގޮތުން، މި ޝަރުތުތައް ހަމަވާ މީހުންނަށް ހެނދުނު 9:00 އިން މެންދުރު 2:00 އަށް އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލެ ހޮސްޕިޓަލުން، އަދި ހެނދުނު 10:00 އިން މެންދުރު 12:00 އަށް ފައިޒާގެ ބޫސްޓާ ޑޯޒް ޖަހައިދޭނެ ކަމަށް މީގެ ކުރިން އެޗްޕީއޭއިން ބުނެފައި ވެއެވެ.

މިހާތަނަށް 394،099 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވާއިރު، 354،759 މީހުން ދެވަނަ ޑޯޒް ޖަހައި، ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް، އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.