ތިން ދުވަހުގެ ދަތުރުފުޅެއްގައި ނައިބު ރައީސް ފައިސަލް ނަސީމް، އެންމެ ދެކުނުގެ ސަރަހައްދަށް މިއަދު ފުރާވަޑައިގެންފިއެވެ.

ނައިބު ރައީސާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންނެވީ، ނައިބު ރައީސްގެ އުފަން ރަށް ކަމަށްވާ ފުވައްމުލަކަށާއި، އައްޑުއަށެވެ.. މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ފުވައްމުލަކު ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ދެވަނައަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އައްޑުއަށެވެ.

މި ދަތުރުފުޅުގައި ނައިބު ރައީސް ދެ ސިޓީގެ ކައުންސިލަރުންނާއި، އިދާރާތަކުގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވައި، މުހިންމު ބައެއް އިދާރާތަކަށް ޒިޔާރަތް ކުރައްވައި، މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާނެ ކަމަށް، ރައީސް އޮފީހުން ބުންޏެވެ.

ހަމަ އެއާއެކު، ފުވައްމުލަކުގައި އެމަނިކުފާނު ކުރިއަށް ގެންގޮސްފައިވާ ބައެއް މަޝްރޫއުތައް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވައި، ބައެއް މަޝްރޫއުތައް ފައްޓަވައި ދެއްވާނެ ކަމަށާއި، އައްޑޫގައި ޓްރޭނިން ޕްރޮގްރާމެއް ފައްޓަވައިދެއްވާނެ ކަމަށްވެސް، ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ނައިބު ރައީސް އެނބުރި މާލެ ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހުގައެވެ.