ދުނިޔޭގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމާ ގުޅޭ ގޮތުން އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމާ ގުޅޭ އެއްބަސްވުމުގައި އެމިރޭޓްސް އެއާލައިނާއި ވިޒިޓް މޯލްޑިވްސް އަދި ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީއިން ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތަށްފަހު ރައީސް ސޯލިހު ވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ބޮޑުވަޒީރު، މިނިސްޓާ އޮފް ޑިފެންސް އަދި ދުބާއީގެ ވެރިޔާ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމްއާ އެކު "ދުބާއީ އެކްސްޕޯ" 2020 ގައި ބަހައްޓާފައިވާ ދިވެހިރާއްޖޭގެ ޕެވިލިއަނަށް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލައްވާފައެވެ.

އެކްސްޕޯގައި ރާއްޖޭގެ ޕެވިލިއަން ގާއިމުކޮށްފައި ހުރީ އެކްސްޕޯގެ ސަސްޓެއިނަބިލިޓީ ޑިސްޓްރިކްޓްގައެވެ. އަދި ރާއްޖޭގެ ޕެވިލިއަން ހަދާފައި ވަނީ އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖޭގެ ތާރީހާއި، ސަގާފަތާއި، ގުދުރަތީ ދިރުންތަކާއި، ކެއުންތަކާއި އަދި އާޓްސް، ވިޒުއަލް އާޓްސްގެ ޒަރީއާއިން ތަޖުރިބާކޮށްލެވޭ ގޮތަށެވެ.

ރައީސް ސޯލިހާއި ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމް

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަންކޮށް އުންމީދީ މުސްތަގްބަލަކަށް އެދި ޒަމާނުއްސުރެ އަދި މިހާރުވެސް ރާއްޖެއިން ވަކާލާތު ކުރަމުންގެންދާ މަސައްކަތްތައްވެސް ރާއްޖޭގެ ޕެވިލިއަންގެ ތީމުގެ ތެރޭގައި ހިމަނާފައިވެއެވެ.

ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ދުބާއީ އެކްސްޕޯ 2020ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.