އަމާން ކަމާއި ރައްކާތެރިކަން ނެތް ކަމަށް ބުނެ، ރައްޔިތުންގެ ފައިސާއިން އެތައް ހާހެއް ދުވާލަކު ހަރަދުކޮށްގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހޮޓެލް ޖެންގައި ބެހެއްޓުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ރޭ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދަނީ ރައްޔިތުންގެ ފައިސާ "ހިތުހުރި ގޮތަކަށް" ބޭނުން ކުރަމުން ކަމަށާއި، އެގޮތުން ހޮޓެލް ޖެންގައި ނަޝީދަށް ދުވާލަކަށް 6،000 އެމެރިކާ ޑޮލަރު (92،520 ރ.) ހަރަދުކުރާ ކަމަށެވެ.

ކޮންމެ ރައްޔިތަކަށްވެސް، އަދި ކޮންމެ ލީޑަރަކަށްވެސް އަދި އިދިކޮޅު ފަރާތެއް ކަމުގައިވީ ނަމަވެސް، އަދި ސަރުކާރުގެ ފަރާތެއް ކަމުގައިވީ ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ވީނަމަވެސް އަދި ގައުމުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވީނަމަވެސް، ދައުލަތުން އެމީހަކަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަކީ އެއީ ގާނޫނުއަސާސީގަ ލާޒިމުކުރާ ކަމެއް
ޝުޖާއު

ޝުޖާއު ވިދާޅުވި ގޮތުގައި ރައީސްގެ ޒިންމާއަކީ ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށާއި، ނަމަވެސް އޭގެ މާނައަކީ ރައްޔިތުންގެ ފައިސާއިން ހަރަދު ކޮށްގެން ނަޝީދު ހޮޓަލެއްގައި ބެހެއްޓުން ނޫން ކަމަށާއި، މިކަމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ.

އަދި ރައްޔިތުން އަސާސީ ހިދުމަތްތައް ނުލިބި، މަހުން މަހަށް ދައްކަން ޖެހޭ ބިލުތައް ނުދެއްކިގެން އުޅޭއިރު، ރައްޔިތުންގެ ފައިސާއިން މިގޮތަށް ހަރަދު ކުރުމަކީ ރައްޔިތުން ވިސްނާލަން ޖެހޭ ކަމެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން، ހިޔާ ފްލެޓުގައި އާންމުން ދިރިއުޅެނީ ދަތި ހާލުގައި ކަމަށް ވިދާޅުވާ ވިދާޅުވުމާއި، އުތުރު ތިލަފަޅު އެއްބަސްވުން ހާމަކުރުމަށް ގޮވާލާ ގޮވާލުން، ޝުޖާއު ވަނީ ތަކުރާރު ކުރައްވާފައެވެ.