ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، އަނބިކަނބަލުން ފަޒްނާ މުހައްމަދު، ޔޫއޭއީގެ ދުބާއީގައި މިހާރު ކުރިއަށްދާ ވޯލްޑް އެކްސްޕޯ ބައްލަވާލައްވައިފިއެވެ.

ދުބާއީގައި އޮންނަ އެކްސްޕޯ 2020 ގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސްގެ ދެކަނބަލުން ރަސްމީ ދަތުރުފުޅެއްގައި ފުރާ ވަޑައިގެންނެވީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. ރައީސްގެ ދެކަނބަލުންގެ އިތުރުން، މި ދަތުރުގައި ސަރުކާރުގެ އިސް ބައެއް ބޭފުޅުންވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

ކޮންމެ ފަސް އަހަރަކުން ބާއްވާ މި އެކްސްޕޯ މީގެ ކުރިން ބާއްވަން ހަމަޖެހިފައި އޮތީ މިދިޔަ އަހަރުގައެވެ. ނަމަވެސް ކޮވިޑާ ހެދި މި އެކްސްޕޯ ފަސްކޮށްފައި އޮތުމަށްފަހު، ހަ މަސްދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި އެކްސްޕޯ ފަށާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުގައެވެ.

މި ދަތުރުފުޅުގައި އެ އެކްސްޕޯގައި ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ވާހަކަފުޅު ދައްކަވަން ހަމަޖެހިފައިވާއިރު، މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގައި ކީނޯޓް ސްޕީކަރެއްގެ ގޮތުގައިވެސް ރައީސް ވާހަކަފުޅު ދައްކަވައި، ކިއު އެންޑް އޭ ޕެނަލެއްގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އޭގެ އިތުރުން، މި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ރައީސްގެ ދެކަނބަލުން، ޔޫއޭއީގައި ދިރިއުޅޭ ރާއްޖޭގެ ޑިޕްލޮމެޓުންނާއި އާއިލާތަކާ ބައްދަލު ކުރައްވާނެއެވެ.

އެއަށްފަހު، އޭގެ އަނެއް ދުވަހު، ދެކަނބަލުން ދުބާއީއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، އަންނަ މަހު ސޮކްޓްލޭންޑްގެ ގްލާސްގޯގައި އޮންނަ ކޮޕް-26 ސަމިޓުގައި ބައިވެރިވުމަށް ރައީސް ދުބާއީ އިން ފުރާ ވަޑައިގަންނަވާނެއެވެ. ރައީސާ އެކު، ރައްޔިތުންގެ މަޖިލީޙުގެ ރައީސް މުހައްމަދު ނަޝީދުވެސް ކޮޕް-26 ސަމިޓުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ،