ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަގާމުން ވަކިކުރަން ސުޕްރީމް ކޯޓަށް ދާން، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ނިންމަވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފޮރިން ސާވިސްގެ ބިލަށް ބަހުސް ކުރައްވަމުން، ޖާބިރު ވިދާޅުވީ ގާނޫނުއަސާސީގައިވާ ގޮތުން، ވަޒީރަކަށް އިތުރު ވަޒީފާއެއް އަދާ ނުކުރެއްވޭނެ ކަމަށާއި، އެހެންވެ، ޝާހިދު ގާނޫނުއަސާސީއާ ހިލާފުވެޑައިގެންފައިވާ ކަމަށް ކަނޑައަޅައި، ފޮރިން މިނިސްޓަރުކަމުގެ މަގާމުން އޭނާ ވަކިކުރަން ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށެވެ.

ޝާހިދު ގެންދަވަނީ ގާނޫނުއަސާސީއާ ހިލާފަށް، އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ވަޒީފާ އަދާ ކުރައްވަމުން ކަމަށް ޖާބިރު ވިދާޅުވިއެވެ. އެއާއެކު ގާނޫނުއަސާސީގެ ބާރު ކެނޑިފައިވޭތޯވެސް ޖާބިރު ވަނީ ސުވާލު އުފައްދަވާފައެވެ.

މިއަދު އޭނާ (މިނިސްޓަރު ޝާހިދު) އެހެރީ ދިވެހި ދައުލަތުގެ ސީދާ ހަރަދު ކޮށްގެން ގޮސް މަގާމުގައޭ، މަގާމުން ދުރުކުރަން ޖެހޭނެއޭ މިތަނުން. އަޅުގަނޑު މިދަނީ ސުޕްރީމް ކޯޓަށޭ. އެއީ މި މަޖިލީހުން އޭނާ މަގާމުން ވައްކެއް ނުކުރެވޭނެތީ.
މެންބަރު ޖާބިރު

އެއާއެކު، މިއަދު މަޖިލީހުގެ ޖަލްސާގެ ރިޔާސަތާ ހަވާލުވެ ހުންނެވި، ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ އދ. އަކީ ބޭރުގެ ގައުމުތަކާ ރާއްޖޭން ގުޅުން ބަދަހިކުރަން ރަނގަޅު ޕްލެޓްފޯމެއް ކަމަށާއި، އެތަނުގައި ހުންނަވައިގެންވެސް ރާއްޖޭގެ ސިޔާސަތުތައް ކުރި އެރުވޭނެ ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ކަމަށް ޝާހިދު ހޮވިވަޑައިގަތީ މިދިޔަ ޖޫން މަހުގައެވެ. އަދި މިދިޔަ މަހުގެ 15 ގައި އޭނާ ވަނީ އެ މަގާމާ ހަވާލުވެ ވަޑައިގެންފައެވެ. މިއީ އެއް އަހަރު ދުވަހުގެ މަގާމެކެވެ.