މައްޗަންގޮޅި ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ހައިތަމާއި އޭނާގެ މިހާރުގެ އަނބިކަނބަލުންނަށް އިންޒާރު ދިން މައްސަލާގައި އޭނާގެ ކުރީގެ އަނބިކަނބަލުންނާ އޭނާގެ ދަރިއަކަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މެމްބަރު ހައިތަމް އާއި އަނބިކަނބަލުންނާ ބަޔަކު ދިމާކޮށް އިންޒާރު ދިނީ ހައިތަމް ދިރިއުޅުއްވާ ގެ ކައިރިންނެވެ. އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ ޖޫން މަހުގެ ފަސް ވަނަ ދުވަހުއެވެ.
ފުލުހުން މައްސަލަ ނިންމި ގޮތުގެ ލިޔުމުގައި ބުނެފައިވަނީ އެ މައްސަލަ ތަހުގީގު ނިންމާ މި މަހުގެ ތިން ވަނަ ދުވަހު މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ހައިތަމްގެ ދެކަނބަލުންނާ މަގުމަތިން ދިމާކުރި މައްސަލާގައި ތުހުމަތުކޮށްފައިވަނީ ހައިތަމްގެ ކުރީގެ އަނބިކަނބަލުން ނަޖުމާ މޫސާ އާއި އޭނާގެ ދަރިފުޅު ފާތިމަތު ދިފްލާ ޖުނައިދުއަށެވެ.
އެގޮތުން ހައިތަމް އަށް ހަޑި ހުތުރު ބަހުން އެއްޗެހި ކިޔާ، ހައިތަމަށް އިންޒާރު ދީ ހައިތަމްގެ އަނބިކަނބަލުން ބަލިވެ އިންދާ ބަނޑުގައި ކޮޅުފައިން ޖަހާ މާރާމާރީ ހިންގަން އުޅެފާވާ ކަމަށް ދިފްލާ އަށް ވަނީ ތުހުމަތުކޮށްފައެވެ.
ނަޖުމާއަށް ވަނީ ސޯޝަލް މީޑިއާގައި ހައިތަމަށް އިންޒާރު ދިން ކަމަށް ބުނެ ތުހުމަތުކޮށްފައެވެ.
އެހާދިސާ ހިނގާފައިވަނީ، ހައިތަމްގެ އަނބިކަނބަލުން ބަލިވެއިން އިރުއެވެ. އެހާދިސާއާ ގުޅިގެން އަނބިކަނބަލުންނަށް ވަރަށް ބޮޑަށް އަސަރުކުރި ކަމަށް ހައިތަމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.