‎ހުޅުމާލޭގާއި ގާއިމް ކޮށްފައިވާ 1000 ފުލެޓުގައި ސޯލާޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ބައެއް ފުލެޓުތަކުގެ ފުރާޅުގެ އިންސްޕެކްޝަނެއް ހެދުމަށް ‎ހަމަޖެހިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެއީ ހުޅުމާލޭގައި ޗައިނާ ޓައުން އޭ ކިޔާ ސަރަހައްދެވެ. ރެހެންދި ސްކޫލާއި ގާޒީ ސްކޫލާ ދެމެދުގައި އަޅާފައިވާ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ފްލެޓްތަކުގެ ތެރެއިން އިންސްޕެކްޝަން ހަދާނީ ބްލޮކް 84، 91، އަދި 121 ގެ ފުރާޅުތަކުގައި ކަމަށް އެޗްޑީސީން ބުނެއެވެ.

އެ ގޮތުން މި އިންސްޕެކްޝަން ކުރިއަށް ދާނީ މިއަދާއި މާދަމާގެ އިތުރުން އަންނަ އަންގާރަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އާ ދެމެދުގައި ކަމަށް އެޗްޑީސީން ބުނެއެވެ.

‎މި އިންސްޕެކްޝަން ކުރިއަށް ގެންދާނީ ކްރޭނެއް ބޭނުންކޮށްގެންނެވެ. އަދި އެއްވެސް ފުލެޓެއްގެ އެތެރެއަށް އިންސްޕެކްޝަން ޓީމުން ނުވަންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މި މަސައްކަތުގެ ސަބަބުން އެއްވެސް ފަރާތަކަށް ‎.ދިމާވެދާނެ ދަތިތަކަކަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށް އެ ކޯޕަރޭޝަން އިން ބުނެއެވެ.