އުތުރު ތިލަފަޅު (ޔޫޓީއެފް) އެއްބަސްވުން އިތުރު 10 އަހަރަށް އިތުރު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާ، އެ އެއްބަސްވުމުގެ މުއްދަތަކީ 15 އަހަރު ކަމަށް، ޑިފެންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާ ބެހޭ ކޮމިޓީން ބޭއްވި ސިއްރު ބައްދަލުވުމުގައި، އެ ކޮމިޓީއަށް މައުލޫމާތު ދެއްވަމުން، ޑިފެންސް މިނިސްޓްރީގެ އިސް ބޭފުޅަކު ވިދާޅުވީ، އުތުރު ތިލަފަޅު ތަރައްގީ ކުރަން ތިން އަހަރު ލިބޭނެ ކަމަށެވެ.

އެއަށްފަހު، 15 އަހަރަށް އެއްބަސްވުން ދެމިގެން ދާއިރު، އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމަށް ފަހު، އެއް އަހަރުގެ ތެރޭ އެއްބަސްވުން އުވާލިކަން ލިޔުމުން ނާންގާނަމަ، އިތުރު 10 އަހަރަށް އެ އެއްބަސްވުން ދެމިގެން ދާނެ ކަމަށެވެ.

މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި މިއަދު އެޖެންޑާ ކޮށްފައި ޔޫޓީއެފް އެއްބަސްވުމާ ގުޅޭގޮތުން ޑިފެންސް މިނިސްޓްރީ އާއި ސިފައިންގެ އިސްވެރިންނާއި ބައްދަލު ކުރުމެވެ. އެހެންވެ، އެ ކޮމިޓީއަށް މިއަދު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި، ޗީފް އޮފް ޑިފެންސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްގެ އިތުރުން، ކޯސްޓްގާޑުގެ އިސްވެރިން ވަނީ ހާޒިރު ކޮށްފައެވެ.

ޔޫޓީއެފް އެއްބަސްވުމާ ގުޅޭގޮތުން ބައްދަލު ކުރުމަށް އެމްއެންޑީއެފާއި ޑިފެންސް މިނިސްޓްރީގެ އިސްވެރިން ހާޒިރުކޮށްފައިވާއިރު، އެ އެއްބަސްވުމާ ގުޅޭ މައުލޫމާތު ހާމަކުރަން ޑިފެންސް މިނިސްޓްރީއަށް އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު އެންގި އެންގެވުމާ އެ މިނިސްޓްރީން ވަނީ ހިލާފުވެފައެވެ.

މީގެ އިތުރުން، ޔޫޓީއެފް އެއްބަސްވުމާ ބެހޭ މައުލޫމާތު ހާމަ ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއިރު، އެ އެއްބަސްވުމުގެ ކޮޕީއެއް ހޯދަން މަޖިލީހުންވެސް ވަނީ އެދިފައެވެ. އަދި އިދިކޮޅު ކޯލިޝަނުންވެސް ވަނީ ޔޫޓީއެފް އެއްބަސްވުމުގެ މައުލޫމާތު ހާމަކުރުމަށް ގޮވާލާފައެވެ.