ސަރުކާރުގެ ފަރާތުން މާލެ ސަރަހައްދުގައި ވަކިން ހިންގާ ފުރަތަމަ ޕްރީ ސްކޫލް، މުހައްމަދު ގާސިމް ސްކޫލް އަލުން ހުޅުވައިފިއެވެ.

އެޑިއުކޭޝަނުން ބުނީ މި ސްކޫލުގައި ކިޔަވައިދެނީ އެލްކޭޖީ އަދި ޔޫކޭޖީއަށް އެކަނި ކަމަށެވެ. މިއަދު މި ސްކޫލް އަލުން ހުޅުވަން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. އަދި މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ.އާއިޝަތު އަލީ ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވީ، މިއީ ސަރުކާރުގެ ފަރާތުން މާލެ ސަރަހައްދުގައި ވަކިން ހިންގާ ފުރަތަމަ ޕްރީ ސްކޫލް ކަމަށާއި މި އުމުރުފުރާގެ ސަރުކާރު ސްކޫލްތައް މާލެ ސަރަޙައްދުގައި ހުންނާނީ މުޅީންހެން އެހެން ގްރޭޑްތައް ހުންނަ ސްކޫލްތައް ކަމަށެވެ. މި ސްކޫލްއަކީ މއ. ފީރުމުރަނގަގޭ އަލީ ފިރާގް އޭނާގެ ބައްޕަގެ މަރްހޫމް މުހައްމަދު ގާސިމްގެ ހަނދާނުގައި ބިނާކޮށްފައިވާ ސްކޫލްއެއްކަންވެސް މިނިސްޓަރުގެ ވާހަކައިގާ ވަނީ ފާހަގަކުރައްވާފައެވެ.

މުހައްމަދު ގާސިމް ޕްރީ ސްކޫލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: އެޑިއުކޭޝަން

މުހައްމަދު ގާސިމް ޕްރީ ސްކޫލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: އެޑިއުކޭޝަންމިނިސްޓަރު އިތުރަށް ވިދާޅުވީ ޕްރީ ސްކޫލް އުމުރުފުރައަކީ މަޖްބޫރުކޮށްގެން ފިލާވަޅު ދަސްކޮށްދޭ އުމުރުފުރައަކަށް ނުވުމާއިއެކު އެ ސްކޫލުގައި ބޮޑަށް އިސްކަންދޭނީ ކުޅުމުގެ ތެރެއިން ދަރިވަރުން އުނގެނި ތަރުބިއްޔަތުކުރުމަށް ކަމަށެވެ.

"މުހައްމަދު ގާސިމް ޕްރީސްކޫލުގައި އަޅުގަނޑުމެން ބޮޑަށް އިސްކަންދޭނީ ކުޅުމުގެ ތެރެއިން ދަރިވަރުން އުނގެނި ތަރުބިއްޔަތުކުރުމަށް. ސްކޫލުގެ މޮޓޯގައި ބުނާފަދައިން މި ސްކޫލުގައި ދަރިވަރުން ހޭދަކުރާ ކޮންމެ ދުވަހަކީ އާ ކުޅިވަރެއްގެ ތެރެއިން އާ ކަންތައްތަކެއް ދަރިވަރުން ދަސްކުރާނެ ދުވަހެއް."
އެޑިއުކޭޝަން މިނިސްޓަރު ޑރ.އާއިޝަތު އަލީ

މުހައްމަދު ގާސިމް ޕްރީސްކޫލްގެ ނަމުގައި ހުޅުވާފައިވާ މި ސްކޫލަކީ އަމިއްލަ ފަރާތަކުން އިމާރާތްކޮށް ސަރުކާރަށް ހަދިޔާކޮށްފައިވާ ސްކޫލެކެވެ. ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ މި ސްކޫލުގައި 10 ކްލާސްރޫމް، ހޯލް، ސްޓާފްރޫމް، މީޓިން ރޫމް، އޮފީސް، މިއުޒިކް ރޫމް، ކޮމްޕިއުޓަ ރޫމް އަދި ޕްރިންސިޕަލް ރޫމެއް ހުރެއެވެ. މި ސްކޫލް ހުޅުވާފައިވަނީ 22 ދަރިވަރުންނާއި 6 މުދައްރިސުންނާއި 2 އެޑްމިނިސްޓްރޭޓިވް ސްޓާފުން އަދި 4 ސަޕޯޓް ސްޓާފުންނާއި އެކުގައެވެ. މިއީ 750 ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ.

އެޑިއުކޭޝަނުން ވަނީ، އެ ޕްރީސްކޫލުގެ އެލްކޭޖީ، ޔޫކޭޖީ އަށް ވައްދަން ބޭނުންވާ ދަރިވަރުންނަށް މި ލިންކު މެދުވެރިކޮށް ފޯމު ހުށައެޅޭނެ ކަމަށާއި އަދި އެ ސްކޫލަށް ވަންނަ ދަރިވަރުންނަށް މިހާރުގެ މިހާތަނަށް އެ ދަރިވަރަކު ކިޔަވަމުންދިޔަ ސްކޫލެއްގެ ޔުނިފޯމާއި އެކު ސްކޫލަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.