ޒުވާނުން ކުރާ މަސައްކަތްތައް އަގުވަޒަން ކުރުމުގެ ގޮތުން، ސަރުކާރުން ކޮންމެ އަހަރަކު ދޭ ޒުވާނުންގެ އެވޯޑު މިއަހަރު ދިހަ ފަރާތަކަށް ދީފިއެވެ.

އެ އެވޯޑު ހާސިލްކުރި ފަރާތްތަކަށް އެވޯޑު ހަވާލުކޮށްދެއްވީ، ރޭ ކުޅުދުއްފުށީގައި ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އެގޮތުން، ދިހަ ދާއިރާއިން ދިހަ ޒުވާނުންނަށް ވަނީ މިއަހަރުގެ އެވޯޑު ލިބިފައެވެ.

އެވޯޑު ހާސިލްކުރި ފަރާތްތަކާއި ދާއިރާތައް

  • މަރިޔަމް ޝަހުދާ (ނުކުޅެދުންތެރިކަން ހުރި މީހުން ބާރުވެރިކުރުމުގެ ދާއިރާ)
  • ނާޒިމް ހަސަން (ފަންނުވެރިކަމުގެ ދާއިރާ)
  • އަރުޝަދު އަހްމަދު (ވިޔަފާރިއާއި އިގްތިސޯދުގެ ދާއިރާ)
  • އަހުމަދު އަބްދުލްކަރީމް (ކުޅިވަރަށް ހިދުމަތް ކުރުމުގެ ދާއިރާ)
  • އައިޝަތު ތާއިފާ (ދަރުމައަށް މަސައްކަތް ކުރުމުގެ ދާއިރާ)
  • އަފާ ހުސައިން (ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރުމުގެ ދާއިރާ)
  • އަބްދުﷲ ޔަމާން (މަސްވެރިކަމުގެ ދާއިރާ)
  • އަލާ ފަވާޒް (ދަނޑުވެރިކަމުގެ ދާއިރާ)
  • ހަސަން ފަރުހާން މުހައްމަދު (ޒުވާނުން ބާރުވެރި ކުރަން މަސައްކަތް ކުރުމުގެ ދާއިރާ)
  • އިއްޒަތު އަހުމަދު ނިޒާރު (ދިވެހި ބަހާއި ސަގާފަތަށް ހިދުމަތް ކުރުމުގެ ދާއިރާ)

ރޭގެ ޖަލްސާގައި ރައީސް ވަނީ ޒުވާނުން މިހާރު ހޭދަކުރަމުން ދަނީ އުމުރުގައި މުހިންމު ދުވަސްތަކެއް ކަމަށާއި، އެ ދުވަސްތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް އިލްތިމާސް ކުރައްވާފައެވެ.

އަދި މާދަމާ މިގައުމުގެ ހިންގުމާ ހަވާލުވެ، ގައުމުގެ މުހިންމު ކަންތައްތަކުގައި ބަސްބުނެ، ގޮތް ނިންމަން ތިބީ ޒުވާނުން ކަމަށާއި، ގައުމު ކުރިއަރުވަން ތިބީ ޒުވާނުން ކަމަށް ވިދާޅުވެފައެވެ.