ޒުވާނުން މިހާރު ހޭދަކުރަމުން ދަނީ އުމުރުގައި މުހިންމު ދުވަސްތަކެއް ކަމަށާއި، މި ދުވަސްތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޒުވާނުންނަށް އިލްތިމާސް ކުރައްވައިފިއެވެ.

ރޭ ކުޅުދުއްފުށީގައި ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މާދަމާ މިގައުމުގެ ހިންގުމާ ހަވާލުވެ، ގައުމުގެ މުހިންމު ކަންތައްތަކުގައި ބަސްބުނެ، ގޮތް ނިންމަން ތިބީ ޒުވާނުން ކަމަށާއި، ގައުމު ކުރިއަރުވަން ތިބީ ޒުވާނުން ކަމަށެވެ. އެހެންކަމުން، ރައީސް ވަނީ މިހާރު ލިބިފައިވާ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ޒުވާނުންނަށް އިލްތިމާސް ކުރައްވާފައެވެ

"ހުރިހާ ޒުވާނުންވެސް ވިސްނަންވީ, މިހާރު ތިޔަ ހޭދަކުރަނީ އުމުރުގެ އެންމެ އަގުބޮޑު ދުވަސްވަރުކަން. އެމީހެއްގެ ހަޔާތުގެ ކުރިމަގު ބާއްޖަވެރިކަމުގެ މަތީގައި ބިނާ ކުރެވޭނީ ޒުވާން އުމުރުގައި އަޅާ ބިންގާ ސީދާކުރި މިންވަރަކުން."

ގައުމުގެ ތަރައްގީގައި ޒުވާނުންގެ ހިއްސާ އިތުރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަން ފާހަގަ ކުރައްވާ، ރައީސް ވިދާޅުވީ، ޒުވާނުންނަށް އެކި ހުނަރުތައް ދަސްކޮށްދީ، ޒުވާނުން ވަޒީފާގެ ބާޒާރަށް ނެރުމަށްޓަކައި ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކޮށް، ޒުވާނުންނަށް ފުރުސަތުތައް ތަނަވަސް ކޮށްދިނުމަށްޓަކައި މިހާރުވެސް އިތުރު ކުންފުނިތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ހަމައެއާއެކު، ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ މަސްތުވާތަކެތީގެ އަވައިގައި ޖެހިފައި ތިބި ޒުވާނުންނަށް ފަރުވާ ދިނުމަށްފަހު، ރަނގަޅު މީހެއްގެ ގޮތުގައި މުޖުތަމައު އަށް އަލުން ނެރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، އެގޮތުން ޒުވާނުން ރަށުގައި ތިބެގެން ފަރުވާ ހޯދޭނެ ވަށާ ޖެހޭ ޕްރޮގްރާމެއް ގެށުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ކުރަމުންދާ ކަމަށް، ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް ވިދާޅުވީ، ދީނާއި ގައުމަށް ލޯބިކުރާ، ދީނުގެ އަސާސްތައް ހިފަހައްޓަން ދަންނަ ޒުވާނުންތަކެއް ބިނާކުރުމުގެ މަގުސަދުގައި ޒުވާނުންގެ ކުރިއެރުމަށް ބިލެއް ޑްރާފްޓް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި، މި ބިލުގެ ސަބަބުން ޒުވާނުންނަށް ގާނޫނީ ގޮތުން ރައްކާތެރިކަން ލިބިގެންދާނެ ކަމަށެވެ.

މި ޖަލްސާގައި އެކި ފަންނުތަކުން 10 ޒުވާނަކަށް ވަނީ އެވޯޑު ދީފައެވެ.