ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުޅުދުއްފުށި ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި، އެމަނިކުފާނު ވަނީ ކުޅުދުއްފުށި ސިޓީގައި ތަރައްގީކޮށްފައިވާ ފުޓްބޯޅަދަނޑު ރަސްމީގޮތުން ހުޅުއްވައިދެއްވައި އެ ދަނޑުގައި ގައުމީ ޓީމާ ކުޅުދުއްފުށީގެ ޒުވާނުންގެ ޓީމެއް ބައްދަލުކުރި އެކުވެރިކަމުގެ ފުޓްބޯޅަ މެޗް ބައްލަވައިލައްވާފައެވެ.

ކުޅުދުއްފުށި ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުވައި ދެއްވުމަށް ރައީސް ސޯލިހް ބޯލައިގައި ފައިންޕުޅުން ޖައްސަވާލައްވަނީ

މީގެ އިތުރުން ރައީސް ވަނީ ގައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާފައެވެ. އަދި މި ޖަލްސާގައި ޔޫތް އެވޯޑް ހާސިލުކުރި ޒުވާނުންނަށް އެމަނިކުފާނު ވަނީ އެވޯޑް ހަވާލުކޮށްދެއްވާފައެވެ.

ރައީސް ކުޅުދުއްފުށި ސިޓީއަށް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް އޮފީހުން އިއްޔެ ވަނީ، ދުބާއީ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން ރައީސް ސޯލިހު މިއަދުގެ ވަގުތެއްގައި ދުބާއީއަށް ފުރާވަޑައިގަންނަވާނެ ކަމަށް ބުނެފައެވެ.