ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހދ.ކުޅުދުއްފުށި ސިޓީއަށް އަދި މާދަމާ ދުބާއީއަށް ވަޑަގަންނަވާ ގޮތައް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސް ސޯލިހު އެ ސިޓީ އަށް ވަޑައިގަންނަވަނީ ޒުވާނުންގެ ދުވަހާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ގޮތުން ކަމަށެވެ.

ކުޅުދުއްފުށީގައި ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ސިޓީގެ ރަސްމީ ބޯޅަ ދަނޑުގައި ޓާފް އަޅައި ހުޅުވުމުގެ ރަސްމިއްޔާތެއް ބާއްވާ، އެ ދަނޑު ހުޅުވުމުގެ ގޮތުން މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެ މެޗުގައި ވާދަކުރާނީ ކުޅުދުއްފުށިން ހޮވާލެވޭ ޓީމަކާއި ރާއްޖޭގެ ގައުމީ ޓީމެވެ.

މީގެއިތުރުން މިރޭ ކުޅުދުއްފުށީގައި ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބާއްވަން ވަނީ ހަމަޖެހިފައެވެ.

އެ ސިޓީގައި އިއްޔެ ވެސް ވަނީ މި ދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. ރައީސް ވަނީ މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު ތިލަދުންމަތީ ދެކުނުބުރިީގެ 3 ރަށަކަށް ކުރެއްވި ދަތުރުފުޅެއްގައި ކުޅުދުއްފުއްޓަށް ވަޑައިގެންފައެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ، ދުބާއީ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން ރައީސް ސޯލިހު މާދަމާ ދުބާއީއަށް ފުރާވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް ސޯލިހު ވަނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ދެ ދުވަހުގެ ނިޔަލަށް އއ އަތޮޅުގެ 6 ރަށަކަށްވެސް ވަޑައިގެންފައެވެ.