މި މަހުގެ 4 ވަނަ ދުވަހު އިފްތިތާހުކުރި ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯއިން އެސެމްބަލްކޮށްފައިވާ ފުރަތަމަ ޖަނަރޭޓަރުސެޓް އދ. ހަންޏާމީދޫއަށް ގެންގޮސްފިއެވެ.

ސްޓެލްކޯ އިން ބުނީ އެޖަނަރޭޓަރު ސެޓަކީ 300kVA ގެ STW300 މޮޑެލްގެ ޖަނަރޭޓަރު ސެޓެއް ކަމަށެވެ.

ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯއިން STW ގެ ތިން މޮޑެލްއެއްގެ ޖަނަރޭޓަރުސެޓް ރާއްޖޭގެ ބާޒާރަށް ތައާރަފް ކޮށްފައި ވާއިރު އޭގެ ތެރޭގައި STW600، STW300، އަދި STW800 ހިމެނޭ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

އެ މޮޑެލްތަކުގެ ޖަނަރޭޓަރު ސެޓްތަކަށް އޯޑަރު ދިނުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ އިރު، ކޮންމެ ޖަނަރޭޓަރު ސެޓަކަަށް ވެސް، ލޯކަލް ވޮރަންޓީއާ، އާފްޓާސޭލްސް ސާވިސްގެ އިތުރުން ކަސްޓަަމަރުން ބޭނުންވެއްޖެ ހިނދެއްގައި އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތް ވެސް ސްޓެވޯއިން ފޯރުކޮށްދޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ހިދުމަތުގައި 70 އަހަރުގެ ދިގު ތާރީހެއް އޮތް ސްޓެލްކޯގެ އިންޖިނިއަރުންނަކީ މި ރާއްޖޭގައި އެންމެ ތަޖުރިބާކާރު އިންޖިނިއަރުންނަށް ވެފައި، ކަސްޓަމަރުންނަށް އެންމެ އެދެވޭ ހިދުމަތް ދެވޭނެ ކުންފުންޏަކީ ސްޓެލްކޯކަން މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވަނީ ވޯކްޝޮޕް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފާހަގަ ކުރައްވާފައެވެ.

މުޣުނީ ވިދާޅުވީ އެ ޖެނެރޭޓަރަކީ ރާއްޖޭން ބޭރުން ލިބެން ހުންނަ ޖެނެރޭޓަރުތަކާ އެއް ފެންވަރުގެ ޖެނެރޭޓަރެއް ކަމަށާ އެއީ ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ޖެނެރޭޓަރެއް ކަމަށެވެ.

އޭގެ އިތުރުން ސްޓެލްކޯގެ ވޯކްޝޮޕުން އާފްޓާ ސޭލްސް ސާވިސް ލިބިގެންދާނެ ކަމަށާ، ދިމާވާ ކޮންމެ މައްސަލައެއް ހައްލުކޮށްދީ، ބަދަލުކުރަން ޖެހޭ ސްޕެއާ އެއް ހުރިނަމަ ސްޓެލްކޯގެ އިންޖިނިއަރުން ގޮސް ބަދަލު ކޮށްދޭނެ ކަމަށްވެސް މުޣުނީ ވަނީ ވިދާޅުވެފައެވެ.