ސްޓެލްކޯގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް އަޅާފައިވާ 'ސްޓެލްކޯ ހިޔާ' ލިބުނު މީހުންގެ ތެރޭ ހިމެނޭ އެ ކުންފުނީގެ ކުރީގެ ބޯޑު މެންބަރުންވެސް ކުލި ނުދައްކާތީ އޮންނަ އުސޫލުގެ ތެރެއިން އެ ފައިސާ ހޯދުމަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފިއެވެ.

ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވި މައްސަލައަށް މަޝްވަރާކޮށްފައިވާ އިރު، އެ މައްސަލައަށް ވާހަކަ ދެއްކެވި ބައެއް މެންބަރުން ވަނީ ސްޓެލްކޯ ފްލެޓު ލިބުނު މުވައްޒަފުންގެ ތެރެއިން ކުލި ނުދައްކާ މުވައްޒަފުންގެ މުސާރައިން ކުލީގެ ފައިސާ އުނި ކުރާ ކަން ފާހަގަ ކުރައްވާފައެވެ. ހަމައެއާއެކު އެ ކުންފުނީގެ ބޯޑުގެ މެންބަރުންގެ ގޮތުގައި ކުރިން ތިއްބެވުމަށްފަހު މިހާރު ކުންފުނިން ވަކިވެފައިވާ ބައެއް ބޭފުޅުންނަށް ފްލެޓު ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި ފްލެޓަށް ފައިސާ ނުދައްކާ ބޭފުޅުން ވެސް ހިމެނޭކަން މެންބަރުން ފާހަގަ ކުރެއްވިއެވެ.

މި ކޮމިޓީ ބައްދަލުވުމުގައި ނުލިބި ހުރި ފައިސާގެ އަދަދާ ގުޅިގެން ދެއްކި ވާހަކަތައް ވަނީ ސިއްރުކޮށްފައެވެ.

ކެލާ ދާއިރާގެ މެންބަރު ޝަރީފް ވަނީ ފްލެޓު ލިބުނު މީހުންނާ އެކު ސްޓެލްކޯ އިން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ފައިސާ ހޯދުމުގެ ކަންތައް ކުރިއަށް ގެންދިޔުމަށް އެ ކުންފުންޏަށް އަންގަން ހުށަހަޅުއްވާފައެވެ. ޝަރީފް ވިދާޅުވި މި ކަމުގައި ހަމަހަމަކޮށް ކަންކަން ކުރާތަން ނުފެންނަ ކަމަށާއި ތަނުގެ މުވައްޒަފުންނަށް ވަކި ގޮތެއް، ވަޒީފާއިން ވަކިވެފައިވާ މީހުންނަށް ވަކި ގޮތަކަށް އަމަލު ކުރަމުން އަންނަ ކަމަށެވެ. ކުލި ނުދައްކާ މައްސަލައިގައި ކޮންޓްރެކްޓްގައި ބުނާ ގޮތަށް ފިޔަވަޅު އެޅުމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފްގެ މި ހުށަހެޅުމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ތާއީދު ކުރެއްވިއެވެ. އަދި ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ އެ ހުށަހެޅުން ފާސްކޮށްފައެވެ.

ހިޔާ މަޝްރޫއުގެ ތެރޭ ހިމަނައިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރިއަށް ގެންދިޔަ މަޝްރޫއުގައި ސްޓެލްކޯ އިން ވަނީ 2 ޓަވަރު ތަރައްގީ ކޮށްފައެވެ. އޭގެ ތެރޭގައި 1 ކޮޓަރީގެ އެޕާޓްމަންޓުގެ އިތުރުން 1+2 ކޮޓަރީގެ އެޕާޓްމަންޓު ވެސް ހިމެނެއެވެ.