ބޮލީވުޑްގެ ސުޕާސްޓާ ޝާހްރުކް ހާންގެ ދަރިފުޅު އާރްޔަން ހާން، ޑްރަގްގެ މައްސަލައެއްގައި ބަންދު ކޮށްފައި ވަނިކޮށް، އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން، ބަންޑްރާގައި ހުންނަ ޝާހްގެ ގެ ރެއިޑް ކޮށްފިއެވެ.

ޝާހްގެ ގެ ބަލާ ފާސް ކުރުމަށް އެންސީބީގެ އޮފިޝަލުން ހާޒިރުވެވަޑައިގަތް އިރު އަތުގައި ލިޔެކިއުންތަކެއް ހުރި ކަމަށްވެސް އިންޑިއާ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ. އެ ގެ ރެއިޑް ކޮށްފައި ވަނީ، އާރްޔަން ބަންދު ކޮށްފައި ހުރި އަރުތޫރު ރޯޑް ޕްރިޒަންއަށް، ޝާހް ޒިޔާރަތް ކުރިތާ ކުޑައިރު ކޮޅެއް ފަހުން ކަމަށް މައުލޫމާތު ލިބެއެވެ.

އަރުތޫރު ރޯޑް ޕްރިޒަންގައި އާރްޔަން ބަންދު ކޮށްފައި ހުންނަތާ މިހާރު 3 ހަފުތާއެއްހާ ދުވަސް ވެފައި ވާއިރު، ކަފާލާތުގެ ދަށުން އޭނާ މިނިވަންކޮށްދިނުމަށް، ކޯޓުން ވަނީ 2 ފަހަރަކަށް އިންކާރު ކޮށްފައެވެ.

އެންސީބީއިން ޝާހްގެ ގެ ރެއިޑް ކޮށްފައި ވާ އިރު، ބަތޮލާ އަނަންޏާ ޕާންޑޭގެ ގެވެސް، ދާދި އެއް ވަގުތެއްގައި ރެއިޑް ކޮށްފައި ވާ ކަމަށް ހަބަރު ލިބެއެވެ.

އެންސީބީގެ މަސްދަރުތަކަކާ ހަވާލާދީ އިންޑިއާއިން މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، އެންސީބީގެ ރާޑަރަށް ބަތޮލާގެ ނަން އަރާފައި ވާތާ މިހާރު ދުވަސްކޮޅެއްވެއްޖެއެވެ. އާރްޔަންއާ އަންނަޏާ ޕާންޑޭއާ ދެމެދު ކޮށްފައި ވާ މުއާމަލާތްތަކެއްގެ ރެކޯޑްތަކެއް، ކޯޓަށް ހުށަހަޅާފައި ވާ ކަމަށް ހަބަރު ލިބޭއިރު، މި މުއާލާމަތްތަކުގައިވެސް ވަނީ ޑްރަގްސްގެ ވާހަކަތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.