އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖާއެކު 28،000 ވުރެ ގިނަ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ލިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ، އދ.ހިމަންދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީ މަސް ފެށިގެންދާނީ މިނިމަމް ވޭޖް ކަނޑައެޅިގެން ކަމަށާއި މިނިމަމް ވޭޖް ކަނޑައެޅިގެން ދާއިރު ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ ލަފާ ހޯދަންޖެހޭ ކަމަށެވެ.

އެގޮތުން އިކޮނޮމިކް މިނިސްޓްރީން މިހާރު ކުރަމުން އަންނަނީ އެ މަސައްކަތް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މިނިމަމް ވޭޖާއެކު ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތް ކުރާ ގާތްގަނޑަކަށް 15،000 އަށް ވުރެ ގިނަ މީހުންނަށް މުސާރައިގެ ކުރިއެރުން ލިބިގެންދާނެ ކަމަށާ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން ގާތްގަނޑަކަށް 13،000 މީހުންނަށް މުސާރައިގެ ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.

އަންދާޒާ ކުރެވިފައި އޮތްގޮތުން މި އަންނަ އަހަރުގެ ތެރޭގައި ބަޖެޓްގައި 600 މިލިއަނަށް ވުރެ ގިނަ ފައިސާ ހަރަދު ކުރަން ޖެހޭ މިނިމަމް ވޭޖް ކަނޑައެޅުމާއެކީގައި. އެކަން އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް އަހަރުގެ ބަޖެޓްގައިވާނީ ހިމަނާފައި
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށާއި އަންނަ ޖެނުއަރީ މަހުން ފެށިގެން މުސާރަ އަށް އަންނަ ބަދަލުތަކާއެކު ވަރަށް ބޮޑު ކުރިއެރުމެއް ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މުޅި ދައުލަތުގެ މުސާރަ އެއްހަމަ ކުރުމުގެ މަސައްކަތް ނިމި އެކަމަށް ވެސް އަންނަ އަހަރު އަމަލުކުރަން ފެށޭނެ ކަމަށެވެ.

މިނިމަމް ވޭޖް ބޯޑުުން އިކޮނޮމިކް މިނިސްޓަރަށް އެރުވި ލަފާގައި ވަނީ ޕްރައިވެޓް ސެކްޓާގައި، ކުދިފަންތީގެ ވިޔަފާރިތަކަށް، ގަޑިއިރަކަށް 24.04 ރުފިޔާގެ ނިސްބަތުން، މަހެއްގެ މައްޗަށް 5,000 ރުފިޔާ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދިނުމަށެވެ. ޕްރައިވެޓް ސެކްޓާގައި، މެދުފަންތީގެ ވިޔަފާރިތަކަށް، ގަޑިއިރަކަށް 33.65 ރުފިޔާގެ ނިސްބަތުން، މަހެއްގެ މައްޗަށް 7،000 ރުފިޔާ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދިނުމަށެވެ.

ޕްރައިވެޓް ސެކްޓާގައި، ކުދި އަދި މެދުފަންތީގައި ނުހިމެނޭ ވިޔަފާރިތަކަށް، ގަޑިއިރަކަށް 42.79 ރުފިޔާގެ ނިސްބަތުން، 8،900 ރުފިޔާ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދިނުމުގެ އިތުރުން ޕަބްލިކް ސެކްޓާގައި، 6 ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް މަހަކަށް 7,000 ރުފިޔާ، ނުވަތަ 6 ގަޑިއިރަށްވުރެ މަދުން މަސައްކަތްކުރާ ފަރާތްތަކަށް، ގަޑިއިރަކަށް 33.65 ރުފިޔާ ދިނުމަށް ވަނީ ލަފާދީފައެވެ.

ބިދޭސީ މަސައްކަތްތެރިންނަށް، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރައިގެ އަދަދާ ގުޅޭގޮތުން، އިތުރަށް ދިރާސާކުރުމަށް ފަހު ލަފާ ދިނުމަށް ވަނީ ނިންމާފައެވެ. އަދި ބިދޭސީ މަސައްކަތްތެރިންނަށް، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރައަށް އަމަލުކުރަން ފެށުމަށް ގާނޫނުގެ 62 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މުއްދަތު، ޖުމްލަ 5 އަހަރު ދުވަހަށް އިތުރުކުރުމަށް ލަފާދީފައިވެއެވެ.