އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 8 މަޝްރޫއެއް ހިންގަން ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އެމްއޯޔޫތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ އެމްއޯޔޫތަކަކީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) ގެ ދަށުން އެކި އިދާރާތައް މެދުވެރިކޮށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫތަކެއް ކަމަށެވެ.

މިއަދު ސޮއިކުރި އެމްއޯޔޫތަކުގެ ދަށުން އިފްތިތާހު ކުރި މަޝްރޫއުތަކަކީ ޖުމްލަ 36،609،600 ރުފިޔާ (2،374،163 ޑޮލަރު) ގެ ހިލޭ އެހީ އެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ އެ މަޝްރޫއުތަކުގެ ތެރޭގައި، 2 ސީ އެމްބިއުލާންސް ހޯދުމާއި، ގދ. ތިނަދޫ، ލ. ގަން އަދި ހއ. ދިއްދޫ ގެ ސްކޫލުތަކުގެ އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓް ހަރުދަނާ ކުރުން، ލ. މާބައިދޫގައި އައިސް ޕްލާންޓެއް ތަރައްގީކުރުން، އޮލިމްޕަސް ހޯލް އަޕްގްރޭޑިން ޕްރޮޖެކްޓް، ނ. މިލަދޫގައި މަލްޓި ޕާޕަސް ކައުންސިލް އިމާރާތެއް އިމާރާތްކުރުން ހިމެނޭ ކަމަށެވެ. އަދި އދ. ދަނގެތީ ކަލްޗަރަލް ސެންޓަރު އިމާރާތް ކުރުމާއި ތ. ތިމަރަފުއްޓާއި ތ. ވޭމަންޑޫގެ މަގުބައްތި ހަރުކުރުން ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ އެ އެމްއޯޔޫތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހްމަދު ހަލީލު ކަމަށާއި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ކަމަށެވެ.

85 މިލިއަން ރުފިޔާގެ ހިލޭ އެހީގެ އެ ސްކީމްގައި އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު އެމްއޯޔޫއެއްގައި ފުރަތަމަ ސޮއިކޮށްފައި ވަނީ މާޗް 17، 2019 ގައި ކަމަށާ އެ ސްކީމް 155 މިލިއަން ރުފިޔާއަށް އިތުރުކުރުމަށް ސޮއިކޮށްފައި ވަނީ ޖުލައި 23، 2021 ގައި ކަމަށް މިނިސްޓްރީން ބުނެއެވެ.

މިއަދު އިފްތިތާހު ކުރި މަޝްރޫއުތަކުގެ އިތުރުން، މި ގްރާންޓް ސްކީމްގެ ދަށުން މިހާރު ވެސް 12 މަޝްރޫއެއްގެ މަސައްކަތް ހިނގަމުން ދާ ކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ. އެގޮތުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ އަދި ހުޅުދޫ އަދި ނ. ނެދިކުޅުދޫގައި ގޭދޮށު މަސް ޕްލާންޓް ގާއިމުކުރުމާއި، އައްޑޫ ސިޓީ ހިތަދޫ، ފޭދޫ، މަރަދޫ، މީދޫ އަދި ހުޅުދޫގައި ޓޫރިޒަމް ޒޯންތައް ތަރައްގީކުރުން ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

އޭގެ އިތުރުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް މެރިން ރިސޯސަސްގެ ފަރާތުން ހަނިމާދޫގައި ހިންގާ އެގްރިކަލްޗަރަލް ލިންކޭޖްސް ޕްރޮޖެކްޓާއި، އައްޑޫ ސިޓީ ހުޅުދޫގައި ޑްރަގް ޑީޓޮކްސް ސެންޓަރެއް ގާއިމު ކުރުމާއި ހއ. ހޯރަފުށީގައި ވޯޓާ ބޮޓްލިން ފެކްޓްރީއެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެ ރަސްމިއްޔާތުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އެ އެމްއޯޔޫތަކުގެ ދަށުން ހިންގާ މަޝްރޫއުތަކަކީ އިޖްތިމާއީ އަދި އިގްތިސާދީ، ތަރައްގީ، ތިމާވެށި، ސަގާފީ ތަރިކަ ރައްކާތެރިކުރުމާ، އަންހެނުން ބާރުވެރިކުރުވުމާ، ކުޑަކުދިންގެ ދުޅަހެޔޮކަމާ އަދި ހުނަރު ތަރައްގީ ކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ މަޝްރޫއުތަކެއް ކަމަށެވެ. އަދި ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް އިންޑިއާ ސަރުކާރުން އެކި ގޮތްގޮތުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާ އެއްބާރުލެއްވުން ޝާހިދު ފާހަގަ ކުރެއްވިއެވެ.

އެމްްއޯޔޫތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާ، ދިވެހި ސަރުކާރާ އިންޑިއާ ހައިކޮމިޝަންގެ އިސް ފަރާތްތަކުން ބައިވެރިވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.