މިދިޔަ މޭމަހުގެ ކުރީކޮޅު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ މައްސަލައާ ގުޅިގެން، އިތުރު ބައެއްގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ޕީޖީ އޮފީހުން ހުށަހަޅައިފިއެވެ.

މިކަމާ ގުޅިގެން، ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ދެ މީހަކަށް ދައުވާ ކުރަން ހުށަހަޅާފައިވާ ކަމަށެވެ. އެ ދެ މީހުންނަކީ:

  • ހއ. މޮޅަދޫ، ބަހާރުގެ، އަބްދުﷲ އަލިމަނިކު
  • ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމް

ޝަފީއު ވިދާޅުވީ، މި ދެމީހުންގެ މައްޗަށް ކުރަނީ ނަޝީދަށް ހަމަލާދިން ކަމުގެ މައްސަލާގައި، ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށުގެ ދައުވާ ކަމަށެވެ.

މިދިޔަ މޭ މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދުގެ ގެކޮޅުން ނުކުމެވަޑައިގެން، މަޖީދީމަގުގައި ހުންނެވި އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވަނިކޮށް އައިއީޑީ ގޮއްވާލި ހާދިސާގައި އެމަނިކުފާނުގެ ފުރާނަފުޅަށް ވަނީ ނުރައްކާވެފައެވެ.

އެ ދުވަހު ދިން ހަމަލާއަށް ފަހު ނަޝީދަށް ފުރަތަމަ ފަރުވާކުރީ އޭޑީކޭ ހޮސްޕިޓަލްގައެވެ. އެ މަނިކުފާނުގެ ފުރާނަ ސަލާމަތްކުރުމަށް ވަގުތުން ކުރަން ޖެހުނު ގިނަ އޮޕަރޭޝަންތައްް އެ ހޮސްޕިޓަލްގައި ކުރުމަށް ފަހު އިތުުރު ފަރުވާއަށް ވަޑައިގަތީ ޖަރުނަމަށާއި އިނގިރޭސިވިލާތަށް ވަޑައިގަތެވެ.

އެއަށްފަހު، ނަޝީދު ވަނީ މިމަހުގެ 11 ގައި ރާއްޖެ ވަޑައިގެންފައެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ވަނީ 10 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހަމަލާދިނުމުގައި އިސްކޮށް އުޅުނު އަދި ރޭވުމުގައި އިސްކޮށް އުޅުނު މީހުންނާއި، އަމަލީ ގޮތުން ބައިވެރިވި މީހުން ހިމެނެއެވެ.