ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަރިއަތޮޅު އުތުރުބުރީގެ 6 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރައިވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސްގެ މިދަތުރުފުޅުގައި އއ. ތޮއްޑޫއަށާއި، ރަސްދޫއަށާއި، އުކުޅަހަށާއި، މަތިވެރިއަށާއި، ބޮޑުފޮޅުދޫ އަދި ހިމެންދޫއަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފާ ކަމަށެވެ.

މިރަށްތަކަށް ކުރައްވާ ޒިޔާރަތުގައި ރައީސް ވަކި ވަކި ރަށްރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ވިޔަފާރިވެރިންނާއި، ދަނޑުވެރިން އަދި ގެސްޓްހައުސް ހިންގާ ފަރާތްތަކުގެ އިތުރުން ބައެއް ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، މި ދަތުރުފުޅުގައި ރައީސް ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ހާލަތު ބައްލަވައިލެއްވުމަށާއި، ސަރުކާރުން ހިންގާ ބައެއް މަޝްރޫއުތަކުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށް ހަމަޖެހިފައިވެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ތޮއްޑޫ ސްކޫލްގެ 12 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް ހުޅުއްވައިދެއްވުމަށާއި، ބޮޑުފޮޅުދޫ މިސްކިތް ހުޅުއްވައިދެއްވުމަށާއި، ހިމެންދޫގެ ބަނދަރު ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެމަނިކުފާނުގެ ދެ ދުވަހުގެ މި ދަތުރުފުޅުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

މިއަދު ރައީސް އއ އަތޮޅަށް ދަތުރުފުޅު ކުރައްވާ އިރު މި މަހުގެ 15 ވަނަ ދުވަހު އެމަނިކުފާނު ވަނީ ތ. އަތޮޅު ކަނޑޫދޫއަށް ވަޑައިގެންފައެވެ.