އަފްގާނިސްތާނުގެ އަންހެން ކުދިން ވަރަށް އަވަހަށް ސްކޫލުތަކާއި ޔުނިވާސިޓީތަކަށް ދާން ފަށާނެ ކަމަށް އެގައުމުގައި ވެރިކަން ކުރަމުން އަންނަ ތާލިބާނުން ބުނެފިއެވެ.

އޮގަސްޓް މަހު އަފްގާނިސްތާންގެ ވެރިކަމަށް ތާލިބާނުން އައުމަށް ފަހު އަންހެން މުދައްރިސުންނާއި ދަރިވަރުން ސްކޫލްތަކާއި ޔުނިވަސިޓީތަކަށް ދިއުން ވަނީ މަނާކޮށްފައެވެ.

މިކަމަށް ވަރަށް އަވަހަށް ނިމުމެއް އަންނާނެ ކަމަށް ބުނެ އެގައުމުގެ އިންޓީރިއާ މިނިސްްޓްރީން ބުނީ ތާރީހުތައް އަވަސް މުސްތަގުބަލެއްގައި އެޑިއުކޭޝަން މިނިސްޓްރީން އިއުލާނު ކުރާނެ ކަމަށެވެ. އެގޮތުން އަންހެން ދަރިވަރުންނާއި އަންހެން މުދައްރިސުންނަށް ވެސް އެފުރުސަތު ދެވިގެން ދާނެ ކަމަށެވެ.

އަންހެން ކުދިންނާއި މުދައްރިސުން ސްކޫލުތަކަށް ނުފޮނުވުމަށް ތާލިބާނުން އަންގާފައި ވަނީ އެމީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް ބުނެފައި ވާއިރު މިކަމާ ގުޅިގެން ތާލީބާނުންނަށް ވަނީ ވަރަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައެވެ. ދާދި ފަހުން އދ ގެ ސެކެޓްރީ ޖެނެރަލް ވެސް މިކަމުގެ ކަންބޮޑުވުން ވަނީ ފާޅުކުރައްވާފައެއެވެ.

އެންމެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނީ 1996 އިން 2001 ވަނަ އަހަރުގެ ނިޔަލަށް އަފްގާނިސްތާނުގައި ވެރިކަން ކުރިއިރު ތާލިބާނުން އަންހެން ކުދިން ސްކޫލަށް ދިއުން މަނާ ކުރުމާއެކު ވަޒީފާތަކަށް ދިއުން މަނާކޮށްފައި ވާތީ އެކަން ތަކުރާރުވެދާނެ ކަމަށް ބުނެއެވެ.