ގައުމުގެ ކަންތައްތައް ރަނގަޅު ކުރަން މަސައްކަތް ކުރާއިރު، ބައިވަރު ދަތިތައް ކުރިމަތިވުމަކީ އާންމު ކަމެއް ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ ހޯމް މިނިސްޓްރީގެ ދަށުން، ފުލުހުންގެ މުއައްސަސާ ހިންގުން މިދިޔަ މާޗުގެ 27 ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެނެސްފައިވާކަން ހާމަކޮށް، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިދިޔަ ހަފްތާގައި ފޮނުއްވި ސިޓީއެއް ލީކުވެފައި ވަނިކޮށެވެ.
ބެލެވޭ ގޮތުގައި އިމްރާން ޓްވިޓާގައި މިހެން ވިދާޅުވީ މި ސިޓީ އާ ގުޅިގެންނެވެ.
މިގޮތުން، އިމްރާން ވިދާޅުވީ ކަންތައްތައް ރަނގަޅުކުރަން މަސައްކަތް ކުރާއިރު، ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި، އެއީ އާންމު ކަމެއް ކަމަށް ވީ ނަމަވެސް، ކަންތައްތައް ރަނގަޅު ކުރެވޭނީ ދިމާވާ ދަތިތަކުން އަރައިގަނެ، ކުރިއަށް ދިއުމުގެ ހިތްވަރު ހުރި ބަޔަކަށް ކަމަށެވެ.
މިފަދައިން އިމްރާން ވިދާޅުވެފައި ވާއިރު، އަލީ ޒާހިރު ސޮއި ކުރައްވާ ފޮނުއްވި ސިޓީގައި، ފުލުހުންގެ އާ ގާނޫނުގައި ދިވެހި ފުލުހުންގެ ހިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ މުއައްސަސާއެއް ނޫން ކަމަށާއި، އެހެންވެ ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރިކަން ވަނީ ވިދާޅުވެފައެވެ.
އެކަމަކު، ހޯމް މިނިސްޓްރީގެ ދަށުން ހިންގާ އެހެނިހެން މުއައްސަސާތައް ހިންގޭނެ ކަމަށް، އެ ސިޓީގައި ވަނީ އިމްރާނަށް އަންގާފައެވެ.
ނަމަވެސް، ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން، އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވީ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރި ކަމުގައި ވިޔަސް، ފުލުހުންނާ ގުޅޭ ކަންތައްތަކުގައި ރައީސަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނީ ހޯމް މިނިސްޓަރު ކަމަށާއި، އެހެންކަމުން ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރި ނަމަވެސް، ފުލުހުން ޖަވާބުދާރީވާން ޖެހޭނީ ހޯމް މިނިސްޓަރަށް ކަމަށެވެ.