ރައީސް އޮފީހުގެ ވެބްސައިޓުގައި ހިމަނާފައިވާ ސަރުކާރުގެ މިނިސްޓްރީތަކުގެ ތެރެއިން މިނިސްޓްރީ އޮފް ހޯމް އެފެއާޒް ނަގައިފިއެވެ.

ހޯމް މިނިސްޓްރީ އެ ވެބްސައިޓުން އުނިކޮށްފައި ވަނީ އެ މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކޮށްފައިވާ ކަން ހާމަކޮށް، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް މި މަހުގެ 14 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީއެއް ލީކުވެފައިވާ ދަނޑިވަޅެއްގައެވެ.

ސަރުކާރުގެ މިނިސްޓްރީތަކުގެ މަސައްކަތްތައް ހިމެނޭ، ރައީސް އޮފީހުގެ ވެބްސައިޓުގެ ސްކްރީންޝޮޓެއް

އެ ސިޓީގައި ބުނެފައި ވަނީ ފުލުހުންގެ އާ ގާނޫނުގައި ދިވެހި ފުލުހުންގެ ހިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ މުއައްސަސާއެއް ނޫން ކަމަށެވެ. އެހެންކަމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސް ހިންގަމުން ދާގޮތަށް ހަމަޖައްސާފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް އެ ސިޓީގައި ބުނެއެވެ.

އެކަމާ ގުޅިގެން ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް، ވަނީ ފުލުހުންގެ ހިދުމަތް މިހާރު ހިންގަނީ ވަޒީރުންގެ މަޖިލީހުގެ ކޮން ވަޒީރެއްގެ ބެލުމުގެ ދަށުންކަން ސަރުކާރުން ހާމަކުރަންޖެހޭ ކަމަށާއި ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުން ނޫން ގޮތަކަށް ފުލުހުންގެ ހިދުމަތް ނުހިންގޭނެކަން ގާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައި އެބައޮތް ކަމަށްވެސް ވިދާޅުވެފައެވެ.