މިއަދު ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި 3 މަހުގެ ކުއްޖަކު މަރުވި މައްސަލައިގައި އެ ހޮސްޕިޓަލްގެ ޑޮކްޓަރަކު ސަސްޕެންޑް ކޮށްފިއެވެ.

މިއަދު މަރުވީ، އެ ހޮސްޕިޓަލުން ކޮވިޑްް-19 ފެސިލިޓީ އަށް ބަދަލުކުރި 3 މަހުގެ ފިރިހެން ކުއްޖެކެވެ.

މިއަދު ތުއްތު ކުއްޖާ މަރުވީ ކޮވިޑް ޖެހިގެން ކަމަށް ފުރަަތަމަ ރިޕޯޓް ކޮށްފައި ވިޔަސް، އެއީ ކޮވިޑް މަރެއް ނޫން ކަމަށް އެޗްޕީއޭއިން ފަހުން ވަނީ ނިންމާފައެެވެ.

އެ ހޮސްޕިޓަލްގެ މެނޭޖަރު އަހުމަަދު ސައީދު ބައެއް މީޑިއާތަކަށް ވިދާޅުވީ މި މައްސަލައާ ގުޅިގެން ހޮސްޕިޓަލްގެ ބިދޭސީ ޑޮކްޓަރު ގޭގައި މަޑުކުރަން އެނގީ އެ މައްސަލަ ބަލައި ނިމެންދެން ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން، ތުއްތު ކުއްޖާ ކޮވިޑަށް ޕޮޒިޓިވްވިތާ މިއަދަށް މިއީ 16 ވަނަ ދުވަހެވެ. އަދި މިއީ އެ ބަލިން ރަނގަޅުވެގެން އެ ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލަން އޮތް ދުވަހެވެ.