ނޯ ޕްލާސްޓިކް މޯލްޑިވްސް އާއި ބީއެމްއެލް ގުޅިގެން، އެއްފަހަރު ބޭނުންކޮށް އެއްލާލައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމަށްޓަކައި ޕްރޮގްރާމެއް ފަށައިފިއެވެ.

"އުޅުމަށް ބަދަލު" ގެ ނަމުގައި ނޯ ޕްލާސްޓިކް މޯލްޑިވްސް އާއި ބީއެމްއެލުން ފެށި މި ޕްރޮގްރާމްގެ ދަށުން، މީހުން ދިރިއުޅޭ ރަށްރަށުގައި ފޮތި ކޮތަޅު ތައާރަފްކުރަން ނިންމާފައިވާއިރު، މި ޕްރޮގްރާމްގައި ބޭނުންކުރާނެ ފޮތި ކޮތަޅު ތައާރަފްކުރަން ބީއެމްއެލްގައި ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.

އެ ރަސްމިއްޔާތުގައި ފޮތި ކޮތަޅު ތައާރަފު ކޮށްދެއްވީ ނޯ ޕްލާސްޓިކް މޯލްޑިވްސްގެ ރައީސް އަހުމަދު ނުއުމާނާއި ބީއެމްއެލްގެ މާކެޓިން ޑިރެކްޓަރު އައިޝަތު ޒަމްރާއެވެ.

މި ޕްރޮގްރާމްގެ ދަށުން، ދިހަ ރަށަކަށް ފޮތި ކޮތަޅު ތައާރަފްކުރަން ނިންމާފައިވެއެވެ. އެ ދިހަ ރަށަކީ:

  • ނ. މާފަރު
  • ނ. ވެލިދޫ
  • ކ. މާފުށި
  • ކ. ދިއްފުށި
  • ކ. ގުރައިދޫ
  • އއ. ރަސްދޫ
  • އއ. އުކުޅަސް
  • ދ. ކުޑަހުވަދޫ
  • ލ. ގަން
  • އައްޑޫ ހިތަދޫ

ފޮތި ކޮތަޅު ފެހުމަށްޓަކައި އެ ރަށްރަށުގެ ތެރެއިން ކޮންމެ ރަށަކަށްވެސް ބީއެމްއެލުން ދެ ފަހާފޮށި ހަދިޔާ ކުރާނެއެވެ. އަދި އެ ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކުގެ އެހީގައި ފޮތި ކޮތަޅުތައް ބެހުމުގެ ނުވަތަ ވިއްކުމުގެ އިންތިޒާމުތައްވެސް ހަމަޖައްސަން ވަނީ ނިންމާފައެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮގްރާމްގެ ބޭނުމަކީ ތިމާވެއްޓާ ރައްޓެހި ގޮތްތަކާއި ބެހޭގޮތުން މީހުންނަށް މައުލޫމާތުދީ ތިމާވެއްޓަށް ހޭލުންތެރި ކުރުވުން ކަމަށާއި، މި ޕްރޮގްރާމްގެ ސަބަބުން އަންހެނުންނަށް ރަށުގައި ތިބެގެން އާމްދަނީ ހޯދަން މަގުފަހިވާނެ ކަމަށެވެ.