މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޕައިލަޓް ބޯޓުގެ ހަލް ފަޅައިގެން ގޮސް ދިޔަވާތީވެ، އެމްއެންޑީއެފުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން ހަނާ މުހައްމަދު ވިދާޅުވީ މި ހާދިސާ އެމްއެންޑީއެފަށް ރިޕޯޓު ކޮށްފައިވަނީ ހަވީރު 3:11 ހާއިރު ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

މި ހާދިސާގައި އެމްޕީއެލްގެ ޕައިލަޓް ބޯޓުގެ ހަލް ފަޅައިގެން ގޮސް، އެ ބޯތު ދިޔަވާތީ އެމްއެންޑީއެފްގެ ޑައިވަރުންނާ އެކު، ކޯސްޓްގާޑުގެ ދެވަނަ ސްކޮޑްރަން އާއި ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވަމުންދާ ކަމަށް، އެމްއެންޑީއެފުން ބުންޏެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއް ކަމަށް ވުމުން، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް، އެމްއެންޑީއެފުން އިލްތިމާސް ކުރެއެވެ.

މިގޮތުން، ކަނޑުގައި ދަތުރުކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްފަހު ދަތުރުތައް ރޭވުމަށާއި، ދަތުރު ފެށުމުގެ ކުރިން އަންގަން ޖެހޭ ފަރާތްތަކަށް އެންގުމަށާއި، ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ހުރީ އަޅާފައިތޯ ނުވަތަ ނޫންތޯ ބެލުމަށް، އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.

މޫސުން ގޯސްވެ، ވައި ގަދަވުމުގެ ސަބަބުން މޫސުމާ ބެހޭ އިދާރާއިން މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރެފައިވާއިރު، ޔެލޯ އެލާޓުގެ ވަގުތު ވަނީ މިރޭ 8:30 ގެ ނިޔަލަށް އިތުރުކޮށްފައެވެ.