2021 ވަނަ އަހަރުގެ ބަޖެޓް ކަނޑައެޅި އިރު އެންމެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ބަޖެޓުގައި ހިމަނާފައިވާ ކޮންޖެޝަން ޗާޖާ މެދުގައެވެ. ކޮންޖެސަން ޗާޖު ނުވަތަ ތޮއްޖެހުމުގެ ޗާޖު އަދި މިހާތަނަށް ނަގަން ފަށާފައި ނުވި ނަމަވެސް މިޗާޖާ ގުޅޭ ނުރަނގަޅު މައުލޫމާތުވެސް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެގެން ގޮސްފައެވެ. ނަމަވެސް ހަގީގަތުގައި މިއީ ކިހިނެއް ވާ ކަމެއްތޯ ބަލާލުން މުހިއްމެވެ.
ކޮންޖެޝަން ޗާޖަށް ބަލާއިރު މިއީ ދުނިޔޭގެ އެކި ހިސާބުތަކުގައި ނަގަމުން އަންނަ ފީއެކެވެ. އެގޮތުން އިނގިރޭސިވިލާތާއި ސްވިޑްންގައި ވެސް ކޮންޖެޝަން ޗާޖު އަންނަނީ ނަގަމުންނެވެ. އެ ގައުމުތަކުގައި މި ޗާޖް ނަގަމުން އަންނަނީ އުޅަނދުފަހަރު ގިނަވެ މަގުތައް ތޮއްޖެހި މީހުންނަށް ހިނގާބިނގާވެ އުޅެން ދަތިވުން ހުއްޓުވުމަށެވެ. މީގެ އިތުރުންވެސް ތިމާވެއްޓާ ރައްޓެހި މާހައުލެއް ގާއިމް ކުރުމާއެކު ކާބަން އެމިޝަން މަދުކުރުމަށްވެސް ގިނަ ގައުމުތަކުގެ އެކި ހިސާބުތަކުގައި ވަކި ޒޯންތަކެއް ކަނޑައެޅުމަށް ފަހު މި ފީ އަންނަނީ ނަގަމުންނެވެ.
ރާއްޖެއަށް ކޮންޖެޝަން ޗާޖު
ދިވެހިރާއްޖޭގައި މިފަދަ ޗާޖެއް ނެގުމަށް ނިންމާފައި ވާއިރު އުފެެދޭ ސުވާލަކީ ދުއްވާ އެއްގަމު އުޅަނދުފަހަރު ގަވައިދުން މޮނިޓާ ކުރެވޭނެތޯއާއި ހަރުދަނާ ޕަބްލިކް ޓަރާންސްޕޯޓުގެ ނިޒާމެއް މިގައުމުގައި އެބައޮތްތޯ އުފެދޭ ސުވާލެވެ.
ބައެއް ތަފާސް ހިސާބު:
- ރާއްޖޭގައި ގެންގުޅޭ ވެހިކަލްގެ 68 ޕަސެންޓް ވެހިކަލް ހުރީ މާލެ ސަރަހައްދުގައި
- 68،207 ވެހިކަލް މާލެ ސަރަހައްދުގައި އެބަ އޮތް
މާލެ ސަރަހައްދުން މި ޗާޖު ނަގަން ނިންމާފައި ވާއިރު މި ސަރަހައްދަކީ ގިނަ އަދަދެއްގެ ދުއްވާ އުޅަނދު ބޭނުންކުރާ ސަރަހައްދެކެވެ. ނޭޝަނަލް ބިއުރޯފް ސްޓެޓިސްޓިކްސްގެ 2018ގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ރާއްޖޭގައި ބޭނުންކުރާ ވެހިކަލްތަކުގެ ތެރެއިން 68 ޕަސެންޓަކީ މާލެ ސަރަހައްދުގައި ބޭނުން ކުރާ ވެހިކަލްތަކެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ 76،363 އުޅަނދުގެ ތެރެއިން 68،207 އުޅަނދަކީ ހަމައެކަނި ސައިކަލެވެ. މިކަމުގެ ސަބަބުން މަގުތައް ބާރުބޮޑުވެ ބައިބޯވުމަކީ އާންމު ރައްޔިތުންނަށް އެތަކެއް އުނދަގޫތަކާ ކުރިމަތިވަމުންދާ ކަމެކެވެ. ކޮންޖެޝަން ޗާޖާއެކު މަގުމަތީގައި ދުއްވާ އުޅަނދުފަހަރުގެ އަދަދާއި އެ ދުއްވާ ފަރާތްތަކުން އުޅަނދުތައް ދުއްވާ ވަގުތު ކުޑަކުރުމަށް އެހީވެއެވެ.
ދުނިޔޭގެ ތަޖުރިބާއާއި ރާއްޖެ
2019 ވަނަ އަހަރު ލަންޑަނުގައި ވަނީ ޖައްވުގެ ވައި ނުސާފު ކުރާ ބާވަތުގެ އުޅަނދުފަހަރު 13،500 އަށް މަދު ކޮށްފައެވެ. އެއާއެކު ލަންޑަންގެ އަލްޓްރާ ލޯ އެމިޝަން ޒޯނުގައި ވައި ނުސާފުކޮށް އެސިޑް ރެއިން ވެހުމަށް މަގުފަހިފާ ނައިޓްރޯޖެން ޑައިއޮކްސައިޑް ވަނީ 36 ޕަސެންޓް ދަށްވެގެން ގޮސްފައެވެ. އަދި ސެންޓްރަލް ލަންޑަންގައި މެއި މަހާއި ސެޕްޓެމްބަރު މަހު ޓްރެފިކް ފްލޯތައް ވަނީ ބޮޑުތަނުން ކުޑަކުރެވިފައި ކަމަށް އެގައުމުން ވަނީ ރިޕޯޓު ކޮށްފައެވެ.
ރާއްޖޭގައި މި ޗާޖު ނަގަން ފެށުމާ އެކު މިފަދަ އެތައް ރަނގަޅު ބަދަލެއް އަތުވެދާނެ ކަމަށް ގަބޫލު ކުރަންޖެހެއެވެ. އެހެނީ، މި ޗާޖު ނަގަމުން އަންނަ އެހެން ގައުމުތަކަށްވެސް މި ޗާޖުގެ ސަބަބުން ހެޔޮ ބަދަލުތަކެއް އައިސްފައި ވުމެވެ. އެގޮތުން ރާއްޖޭގެ މާހައުލަށް ނައިޓްރޯޖެން ޑައިއޮކްސައިޑް ދޫކުރެވޭ މިންވަރު މަދުވެއްޖެނަމަ، ހަށިގަނޑަށް ގެއްލުން ނުވާނެ ސާފު ވާރޭފެން ވެސް ލިބޭނެއެވެ.
ދިގު މުއްދަތަކަށް ބަލާއިރު ކޮންޖެޝަން ޗާޖާއެކު ރާއްޖޭގެ މަގުތަކުގެ ހާލަތު ރަނގަޅު ވެގެން ދިޔުމާއެކު އުޅަނދުފަހަރު ދުއްވާ މީހުންގެ އަދަދު ނިސްބަތުން މަދުވުގެ ނަތީޖާއަކަށް ވެގެން ދާނީ ރާއްޖެއިން ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ މިންވަރު ބޮޑުތަކުން މަދުވެގެން ދިއުމެވެ.
އުޅަނދުގެ ވިހަ ގޭހަކީ ނުރައްކާ އެއްޗެއް
އުޅަނދުތަކުގެ ސަބަބުން ޖައްވަށް ދޫކުރެވޭ ވިހަ ގޭސް ގިނަ ވުމުގެ ސަބަބުން ދުނިޔޭގެ އޯޒޯން ފަށަލަ ހަލާކުވެ ތުނިވެގެން ދެއެވެ. ނަތީޖާއަކަށް ވެގެން ދަނީ އިރުގެ ހޫނު އެއްވެސް ހުރަހަކާ ނުލައި، ދުނިޔޭގެ ބިމަށް ދަތުރު ކުރުމެވެ. މިކަމުގައި އެންމެ ކަންބޮޑުވާން ޖެހޭ ކަމަކީ މީގެ ސަބަބުން ހަމަށް ޖެހޭ ބަލިތައް އިތުރުވެގެން ދިއުމެވެ. ޚާއްސަކޮށް އިރުގެ ދޯދިތައް އެއްވެސް ހުރަހަކާ ނުލައި، ހަންގަނޑުގައި ޖެހޭނަމަ ހަމުގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.
މޫސުމީ ބަދަލުތަކުގެ އަސަރު މިހަރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރަމުން ދާއިރު ޖައްވު ހޫނުވެ ދިމާވާ މައްސަލަތަކުގެ އަސަރު އެންމެ ބޮޑަށް ފޯރަމުން ދަނީ ރާއްޖެފަދަ ބިންތިރި ގައުމުތަކަށެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ ބައެއް ރަށްތައް ގިރަމުން ދިއުމާއި، ފަރުތައް މަރުވެ ހަލާކު ވުމާއެކު ގާ ހުދުވުމަކީ ދިިމާވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. ރާއްޖޭގެ އިގްތިސާދު ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވެފައިވާ ހިނދެއްގައި ރާއްޖޭގެ ކަނޑުފަޅުގެ މުއްސަނދިކަން ފަތުރުވެރިންނަށް އެންމެ ފުރިހަމަ ގޮތެއްގައި ދައްކާލެވޭނީ ތިމާވެށި ހިމާޔަތް ކޮށްގެނެވެ.
މީގެ އިތުރުންވެސް ތިމާވެށީގެ އިތުރު މައްސަލަތަކުގެ ތެރޭގައި ކަނޑުގެ ލޮނުގަނޑު އުފުލުން ހިމެނެއެވެ. ހޫނު ގަދަ ވުމުގެ ސަބަބުން ދުނިޔޭގެ ދެ ތަނޑީގައިވާ ގަނޑުފެންތައް ވިރެމުން އަންނަ ޕަސެންޓް އިތުރުވުމާއެކު ކަޑުތައް އަންނަނީ އުފުލެމުންނެވެ. މިހެން މިކަން ވަމުން ދާނަމަ ރާއްޖެފަދަ ބިންތިރި ގައުމުތައް ފެނުގެ އަޑިއަށް ދިއުމަކީ ގާތްކަމެއް ކަމަށް ސައިންވެރިން ދަނީ ބުނަމުންނެވެ. މިހާރުވެސް ކަނޑުގެ ލޮނުގަނޑު އުފުލުގެ ސަބަބުން ބައެއް ގައުމުތަކުގެ ބިމަށް އަންނަނީ އަސަރު ކުރަމުންނެވެ. އެގޮތުން އިކުއެޑޯގެ ބިމުގެ 10.29 ޕަސެންޓަށް މިހާރުވެސް އަސަރު ކޮށްފައި ވާއިރު ވިއެޓްނާމުގެ ބިމުގެ 4.74 ޕަސެންޓަށް ވަނީ އަސަރު ކޮށްފައެވެ.
ކޮރަޕްޝަނާ ނުލައި ރާއްޖޭގައި ކުރެވޭނެތަ؟
މިހުރިހާ ކަމަކާ އެކުވެސް މި ޗާޖު ނެގުމަށް ބޭނުންވާ ނިޒާމްތައް ގާއިމްވެ، ބޭނުންވާ ވަސީލަތްތައް ލިބުމާ އެކު ކޮންޖެޝަން ޗާޖު ނަގަން ފަށައިފިނަމަ އެކަން ކުރަން ޖެހޭނީ ދެފުށްފެންނަ ނިޒާމެއްގެ ތެރެއިންނެވެ. ރައްޔިތުންނަށް އެ ފައިސާ ބޭނުން ކުރެވިގެން ދަނީ ކޮން ބޭނުމަކު، ކޮން މިނިސްޓްރީއަކުން ކާކުކަން ރަނގަޅަށް އިނގެން ވާނެއެވެ. އަދި ކޮންޖެޝަން ޗާޖު ނަގައިގެން މަގުތަކުތަކުގެ ފެންވަރު ރަނގަޅު ފެންވަރަކަށް ހެދުމާއެކު ޓްރެފިކް މަދުކުރެވޭކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ ޒިންމާއެކެވެ.
2021 ވަނައަހަރުގެ ބަޖެޓްގައި މުޅިން އަލަށް ފެށުމަށް ހަމަޖެހިފައިވާ މަޝްރޫއުއެއް ކަމަށްވާ މާލޭގައި ދެ ޕާކިން އިމާރާތް ގާއިމް ކުރުން 7،500،000 ރުފިޔާއަށް ބަޖެޓް ކުރެވިފައި ވާއިރު މިކަންކަން ކުރެވޭކަން ކަށަވަރުކޮށް ސަރުކާރު ޒިންމާދާރު ކުރުވުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ. އަދި ކޮންޖެޝަން މަދު ކުރުމުގެ އިތުރަށް މި ޗާޖު ނެގުމަށް އެންމެ ފުރަތަމަ ސަރުކާރުން އަޅާފައިވާ މިނީ ބަހުގެ ހިދުމަތް ތައާރަފް ކޮށް އެކަމުގެ ނަފާ އާއި މަންފާ ލިބޭކަން ޔަގީން ކުރަން ވާނެއެވެ. މިނީ ބަސް ތައާރަފް ކުރުމަށް 2021 ވަނަ އަހަރަށް ކަނޑައަޅާފައި ވާ ބަޖެޓަކީ 16،191،000 ރުފިޔާއެވެ.
ކޮންމެ ކަމެއްގައިވެސް ދެކޮޅު ވާކަން ގަބޫލުކުރަން ޖެހެއެވެ. ނަމަވެސް ދިވެހިންނަށް ގިނަ ފަހަރަށް ފެންނާނީ ހަަމައެކަނި އެމީހަކު ގަބޫލުކުރަން ބޭނުންވާ ކަމެއް އެކަންޏެވެ. ކޮންޖެޝަން ޗާޖު ނަގަން ފެށުމުން ދަތިތަކާ އުނދަގޫތައް ކުރިމަތި ވެދާނެއެވެ. ނަމަވެސް އޭގެ ސަބަބުން މުސްތަގުބަލުގައި ގިނަ ފައިދާތަކެއް ކުރާނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ. ބޭނުންވަނީ ޒިންމާދާރު، ހަރުދަނާ ސިޔާސަތު ތަކެކެވެ. އަދި ކަމާބެހޭ މުއައްސަސާތައް ޒިންމާދާރު ކުރުވާނެ، ފަރުދީ ޒިންމާ އަދާކުރާ ފަރުދުންތަކެކެވެ.