ކ. ތުލުސްދޫ ކުނިކޮށީގައި މިއަދު ހަވީރު ރޯވި އަލިފާން ނިއްވާލި ފަހުން އަނެއްކާ ވެސް އަލިފާން ރޯވެއްޖެއެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަސްލަމް މޫސާ 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު އެރަު ކުނި ކޮށީގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ ހަވީރު 5:45 ހާއިރު ކަމަށެވެ. އެ އަލިފާން ރޯވުމުން ބާލިދީގައި ފެން ގެންގޮސް ޖަހައިގެން އިރުއޮއްސުނު އިރު އަލިފާން ނިއްވާލެވުނު ކަމަށް އަސްލަމް ވިދާޅުވިއެވެ.

އޭގެ ފަހުން އަނެއްކާވެސް މިރޭ 7:15 ހާއިރު އަލިފާން ރޯވެ ހުޅު ބޮޑުވުން އެ މައުލޫމާތު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމަށް މައުލޫމާތު ދީފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެމްއެންޑީއެފުން ބުނީ ތުލުސްދޫ ކުނި ކޮށީގައި އަލިފާން ރޯވެ އަނދަމުން ދާތީ އެ އަލިފާން ނިއްވުމަށް ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.

މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވެއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ، އެ ރަށު ކުނި ކޮށި ސަރަހައްދުގައި އަލިފާން ޖެހުމާއި އެ ސަރަހައްދުގައި އަލިފާން ގެންގުޅުމަކީ މަނާ ކަމެއް ކަމަށެވެ. ކުނި ކޮށީގައި މަސައްކަތް ކުރާ މުވައްޒަފުން މަސައްކަތް ނިންމާލުމަށް ފަހު އެތަން ބަންދުކޮށް ނުކުމެފައި ވަނީ މިއަދު ހަވީރު 5 ޖެހި ފަހުން ކަމަށް އަސްލަމް ވިދާޅުވިއެވެ. އެހެންކަމުން 5:45 ގައި އެތަނުގައި އަލިފާން ރޯވެފައި ކަމަށް ބެލެވެނީ ބަޔަކު އެތަނުގައި އަލިފާން ޖެހުމުން ކަމަށް ގަބޫލު ކުރެއްވޭ ކަމަށް އަސްލަމް ވިދާލުވިއެވެ.

އަދި މިހާތަނަށް އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެވިފައެއް ނުވެއެވެ.