ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ 6720 ފްލެޓަށް އަލަށް ހޮވިފައިވާ 27 ފަރާތެއްގެ ގުރުއަތު މާދަމާ ނަގަން ނިންމާފައިވާ ކަމަށް ހައިސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ބުނީ ހިޔާ މަޝްރޫއިން ފްލެޓަށް އަލަށް ހޮވިފައިވާ 27 ފަރާތެއްގެ މައުލޫމާ ހައުސިންގް މިނިސްޓްރީް ކަށަވަރު ކުރުމަށް ފަހު އެ ކޯޕަރޭޝަނަށް އަންގާފައިވާ ކަމަށެވެ. އެގޮތުން މި ފަރާތްތަަކުގެ ފްލެޓަށް ގުރުއަތު ނެގުމުގެ ކަންކަން މާދަމާގެ މެންދުރު 1:00 ގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

މާދަމާ ގުރުއަތު ނެގުމުގެ ކަންކަން ކުރިއަށް ދާނީ އަލަށް ފްލެޓް ލިބުނު 27 މީހުންގެ އިތުރުން އިތުރު 12 މީހެއް ވެސް ހިމެނޭ ކަމަށް އެޗްޑީސީން ބުނެއެވެ. އެއީ މީގެ ކުރިން ގުރުއަތުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ތިރީ ފަންގިފިލާތަކުން ފްލެޓް ހަމަޖައްސައި ދިނުމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ތާވަލު ކުރެވިފައިވާ ފަރާތްތައް ކަމަށް އެޗްޑީސީން ބުނެއެވެ.

އެހެންކަމުން މި 39 މީހުންގެ ގުރުއަތު ނެގުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އައިޑީ ކާޑު ނަންބަރުގެ ތަރުތީބުން ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މި ލިސްޓު އެޗްޑީސީން އިއުލާން ކޮށްފައި ވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ހިޔާ ފްލެތް ލިބުނު ފަރާތްތަކުގެ ތެރެއިން 23 މީހަކު ވަނީ އެކި ސަބަބުތަކާ ހުރެ އެމީހުންނަށް ލިބުނު ފްލެޓް ދޫކޮށްލާފައެވެ.

ހިޔާ ފްލެޓް ލިބުނު ގިނަ އާއިލާތަކެއް ދަނީ ފްލެޓްތަކަށް ދިރިއުޅުން ބަދަލު ކުރަމުންވެ. އެގޮތުން 200 ޔުނިޓެއްގައި މިހާރު މީހުން ދިރިއުޅޭ އިރު 4000 ޔުނިޓެއްގައި ފިނިޝިން މަސައްކަތް ކުރަމުން އެބަދެއެވެ.