އެމްޓީސީސީއަށް ބިދޭސީން ރެކްރޫޓްކުރުމުގެ މަސައްކަތް ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގި ކަމުގެ ތުހުމަތުގައި އެމްޓީސީސީގެ ކުރީގެ ސީއީއޯ އިބްރާހިމް ޒިޔަތަށް ދައުވާ ކުރަން އެދި އެންޓިކޮރަޕްޝަން ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން ބުނީ، ޒިޔަތުގެ މައްޗަށް ދައުވާ ކުރަން ހުށަހެޅީ އޭސީސީއަށް ހުށަހެޅި މައްސަލައެއް ތަހުގީގު ކުރި އިރު ކޮރަޕްޗަންގެ އަމަލެއް ހިންގާފައިވާ ކަމަށް ބެލެވޭތީ ކަމަށެވެ. އެ މައްސަލައަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯގެ މަގާމުގައި ޒިޔަތު ހުންނެވި އިރު، އެ ކުންފުނީގެ ސައިޓްތަކުގައި މަސައްކަތް ކުރުމަށް ބިދޭސީން ރެކްރޫޓް ކުރުމަށްޓަކައި‎‏ 2017، ޖުލައި 24 ވަނަ ދުވަހު 53 ބިދޭސީން ގެނައުމުގައި ހިންގާފައިވާ ކޮރަަޕްޝަންގެ އަމަލެއް ކަމަށް އޭސީސީން ބުނެއެވެ.

އެގޮތުން އޭރު އެ ކުންފުނީގައި ރަޖިސްޓާ ކޮށްފަިއވާ ކުންފުނިތަކަށް ބިދޭސީން ރެކުރޫޓް ކުރުމަށް ފޮނުވާފައިވާ ކަމަށާއި އަދި އެ މަސައްކަތް ވަކި ބަޔަކާ ހަވާލު ކުރުމުން އެހެން ފަރާތްތަކުން މައްސަލަ ޖެއްސުމުން އެ މަސައްކަތް އަނބުރާ ނެގުމަށްފަހު ބިދޭސީން ގެނުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށް ބުނެފައިވާ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާ ކަމަށް އެ ފަރާތުން ބުނެއެވެ. އެހެންކަމުން އެ މައްސަލަ ތަހްގީގްކޮށް ނިންމައި، އެ މައްސަލާގައި ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އިއްޔެ ފޮނުވާފައިވާ ކަމަށް އޭސީސީން ބުނެއެވެ.

މި މައްސަލާގައި އެމްޓީސީސީއަށް ދައުވާ ކުރުމަށް ފޮނުވީ، އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި އޭރު ހުންނެވި އިބްރާހިމް ޒިޔަތު، (ހ.އާހަމަ / ކ.މާލެ) ގެ މައްޗަށް ކަމަށް އޭސީސީން ބުނެއެވެ. އަދި އިބްރާހީމް ޒިޔާތުގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދިފައި ވަނީ، ގާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު) ގެ 12 މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމުގެ ކުށުގެ ދައުވާ ކަމަށް އޭސީސީން ބުނެއެވެ.

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އެމްޓީސީސީން ހިންގާ ޕްރޮޖެކްޓުތަކުގައި މަސައްކަތް ކުރުމަށް ބޭނުންވާ ބިދޭސީން ރެކްރޫޓް ކުރުމަށް 2017، 20 ޖުލައި ގައި ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރާ 15 އެޖެންސީއަކާ އެކު އެ ކުންފުނިން އެއްބަސްވުން ހަދާފައި އޮތް ކަން ފެންނަން އޮތް ކަމަށް އޭސީސީން ބުނެއެވެ. އަދި ބިދޭސީ މުވައްޒަފުން ރެކްރޫޓް ކުރުމަށް އެދޭއިރު އެމްޓީސީސީން އަމަލު ކުރަން ޖެހޭ އުސޫލު އެ އެއްބަސްވުމުގައި ތަފްސީލްކޮށް ބަޔާންކޮށްފައި ވެއެވެ.

ނަމަވެސް، ރެކްރޫޓްމަންޓް އެޖެންސީތަކާއެކު ވެފައިވާ އެއްބަސްވުމުގައި އެމްޓީސީސީން އަމަލު ކުރުމަށް ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް، ބިދޭސީން ރެކްރޫޓް ކުރުމަށް ހާއްސަ ޖޮބް އޯޑަރެއް (އެމްޓީސީސީގެ ނަންބަރު 01/2017 ސްޕެޝަލް ޖޮބް އޯޑަރު) ތައްޔާރުކޮށް، އެއްބަސްވުން ހަދާފައިވާ ކުންފުނިތަކުގެ ތެރެއިން ހަމައެކަނި އެސްކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް އެމްޓީސީސީން ފޮނުވާފައިވާ ކަމަށް އޭސީސީން ބުނެއެވެ. އަދި އެ ޖޮބް އޯޑަރަށް ހުއްދަ ދީފައި ވަނީ އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި އޭރު ހުރި އިބްރާހިމް ޒިޔާތު ކަމަށް އޭސީސީން ބުނެއެވެ.

އެ ޖޮބް އޯޑަރަކީ، 15 އެޖެންސީއަކާ އެކު އެއްބަސްވުން ގާއިމް ކުރުމަށް ފަހު، އެމްޓީސީސީން ތައްޔާރު ކޮށްފައިވާ ފުރަތަމަ އޯޑަރާ ގުޅިގެން ރެކްރޫޓްމަންޓް އެޖެންސީތަކުން ޝަކުވާ ހުށަހެޅުމުން، އޯޑަރު ކެންސަލް ކޮށް ތައްޔާރުކޮށްފައިވާ ދެވަނަ އޯޑަރެއް ކަމަށް އޭސީސީން ބުނެއެވެ. އަދި އެއީ ރެކްރޫޓްމަންޓް އެޖެންސީތަކާ އެކު އެމްޓީސީސީން ވެފައިވާ އެއްބަސްވުމާ ހިލާފަށް، އެސްކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބިދޭސީ މުވައްޒަފުން ގެނައުމަށް ހަދާފައިވާ ހާއްސަ އޯޑަރެއް ކަން ފާހަގަ ކުރެވުނު ކަމަށް އޭސީސީން ބުނެއެވެ. ހަމައެއާއެކު، އެ ދެ އެޖެންސީ ފިޔަވައި އެހެން ރެކްރޫޓްމަންޓް އެޖެންސީތަކަށް އެ ޖޮބް އޯޑަރު ފޮނުވާފައި ނުވާ ކަމަށް ވެސް އޭސީސީން ބުނެއެވެ.

ފުރަތަމަ ޖޮބް އޯޑަރަށް ބަލާއިރު، އެއްބަސްވުން ހަދާފައިވާ ހުރިހާ ރެކްރޫޓްމަންޓް އެޖެންސީތަކަށް އެމްޓީސީސީން ފުރަތަމަ އޯޑަރު އީމެއިލްކޮށްފައިވީ ނަމަވެސް، ރެކްރޫޓްމަންޓް އެޖެންސީތަކުން ފޮނުވާފައިވާ ބިދޭސީންގެ މައުލޫމާތުތަކަށް ބިނާކޮށް އެމްޓީސީސީން ބިދޭސީންގެ ލިސްޓު ތައްޔާރުކޮށްފައި ވަނީ، ރެކްރޫޓްމަންޓް އެޖެންސީތަކާ އެކު ވެފައިވާ އެއްބަސްވުމާ ހިލާފަށް، އެސްކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް ކަމަށް އޭސީސީން ބުނެއެވެ.