އަމިއްލަ ދިފާއުގައި ޖަވާބުދާރީވުމުގެ ފުރުސަތު ނުދޭ ކަމަށް ބުނެ، ޕޮލިސް ބޯޑުން ވަކިކުރަން ނިންމި ހަތް އޮފިސަރުންގެ ތެރެއިން ފަސް އޮފިސަރަކު ސިވިލް ކޯޓުގައި ދައުވާ ކުރި މައްސަލަ، އެ ކޯޓުން ސިއްރު ކުރަން ނިންމައިފިއެވެ.
ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅި ފުލުހުން ބޭނުން ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ލައިވްކޮށް ކުރިއަށް ގެންދާށެވެ. ނަމަވެސް އެ މައްސަލަ ބަލާ ސެކްޝަނުން ބުނީ އެ މައްސަލަ ބަލަން ފެށުމުގެ ކުރިން، މައްސަލަ ބައްލަވާ ގާޒީ އަލީ އަބްދުﷲ ނިންމެވީ އެ މައްސަލައިގެ އަޑުއެހުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް ކަމަށެވެ.
ސަބަބެއްގެ ގޮތުގައި އެ ނިންމުމުގައި ބުނެފައިވަނީ އެ މައްސަލަ ހުޅުވާލައިގެން ގެންގޮސްފި ނަމަ، މުޖުތަމައުގެ އަމާންކަން ގެއްލި، ގައުމީ ސަލާމަތަށް ހުރަސް އެޅިގެން ދާނެ ކަމަށެވެ.
ނަމަވެސް، އެ މައްސަލައަކީ އާންމު މަސްލަހަތު އޮތް މައްސަލައެއް ކަމަށާއި، ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ ގޮތަށް ޝަރީއަތް ކުރެވޭ ކަން ކަށަވަރުކުރަން ޖެހޭ ކަމަށް ބުނެ، އެ މައްސަލަ ސިވިލް ކޯޓަށް ވެއްދި ފުލުހުން ވިދާޅުވީ އެ މައްސަލަ ލައިވް ކުރަން ޖެހޭ ކަމަށެވެ.
ޕޮލިސް ބޯޑުން ވަކިކުރި މައްސަލާގައި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ފުލުހުން
- އެސިސްޓަންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު
- އެސިސްޓަންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު
- ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމް އާދަމް
- ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ދާވޫދު
- ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް
ފުލުހުންގެ އާ ގާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިންޓެންޑެންޓުން ފެށިގެން މަތީ ރޭންކުތަކުގެ ފުލުހުންނަކީ މަސައްކަތަށް ގާބިލު ބައެއްތޯ ބަލާނެއެވެ. އެއާއެކު އެ ބޯޑުން ވަނީ ހަތް ފުލުހުން ވަޒީފާއިން ވަކިކުރަން ޕޮލިސް ކޮމިޝަނަރަށް ލަފާ ދީފައެވެ
އަމިއްލަ ދިފާއުގައި ޖަވާބުދާރީވުމުގެ ފުރުސަތު ނުދޭ ކަމަށް ބުނެ، އެ މައްސަލާގައި އެ ފަސް ފުލުހުން ތަމްސީލުކުރާ ދިވެހި ޗޭމްބާޒް އިން މިމަހުގެ ހަވަނަ ދުވަހު ބުނީ އެހެންވެ އެ އޮފިސަރުންގެ ހައްގުތަކެއް ގެއްލިގެން ގޮސްފައިވާ ކަމަށެވެ. އެ މައްސަލަ ވަނީ މިމަހުގެ ނުވަވަނަ ދުވަހު ސިވިލް ކޯޓަށް ހުށަހަލާފައެވެ. އަދި 10 ވަނަ ދުވަހު، އަޑުއެހުންތައް ވަނީ ފަށާފައެވެ.