މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ ޖޯން ގްރިންޑާލް ސުލޫކީގެ މައްސަލައެއްގައި ވަޒީފާ އިން ވަކިކޮށްފިއެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ވަޒީފާ އިން ވަކިކުރި ކަމަށް މިދިޔަ މަހުގެ ކުރީކޮޅު ވެސް މީޑިއާގައި ރިޕޯޓް ކުރިއެވެ. ނަމަވެސް ޕެންޝަން އޮފީހުން ވަނީ އެކަން ދޮގުކޮށްފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޕެންޝަން އޮފީހުގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު އައިޝަތު ފަޒުނާ ވިދާޅުވީ ސީއީއޯ ޖޯންގެ ކޮންޓްރެކްޓް އުވާލީ ސުލޫކީ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ފަޒުނާ ހާމައެއް ނުކުރެއްވިއެވެ.

ފަޒުނާ މިހެން ވިދާޅުވެފައިވީ ނަމަވެސް ބައެއް މީޑިއާތަކުގައި ވަނީ ސީއީއޯ ވަކި ކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައިގައި ކަމަށް ރިޕޯޓު ކޮށްފައެވެ.

ޕެންޝަން އޮފީހުގެ ސީއީއޯ ކަމަށް ޖޯން އައްޔަން ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ޔޫކޭ އަށް ނިސްބަތްވާ ޖޯން އަކީ އިންޝުއަރެންސް އާއި ޕެންޝަން ދާއިރާގެ 25 އަހަރުގެ ތަޖުރިބާކާރެއް ކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.

އޭގެ އިތުރުން އޭނާ ވަނީ މޯލްޓާ ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ އިންޓަރިމް ޗީފް އެކްޗުއަރީގެ މަގާމު ވެސް ފުރުއްވާފައެވެ.

ޖޯން ގްރިންޑާލް ވަޒީފާ އިން ވަކިކުރުމުން މިހާރު އޭނާ ވަނީ އެބުރި ގައުމަށް ވަޑައިގެންފައެވެ.