މިއަހަރުގެ ގައުމީ މާމަކާފަ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިސްނަގައިގެން ބ. އޭދަފުށީގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
ޕެންޝަން އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެންބަރު މަހުގެ 1 އިން 2 އަށެވެ. މި ހަރަކާތްތައް ފެށުމުގެ ގޮތުން، ސެޕްޓެންބަރު މަހުގެ 1 ވާ އަންގާރަ ދުވަހު މާމައިންނާއި ކާފައިންނަށް ހާއްސަކޮށްގެން ހަވީރުގެ ސައެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މާމަކާފައިން އެކަކު އަނެކަކާ ބައްދަލުވެ، ގުޅުން ބަދަހިކޮށް، އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އިންތިޒާމުކުރާ ހަރަކާތެކެވެ. މީގެއިތުރުން، ޕެންޝަން އޮފީހާއި، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގުޅިގެން މާމަކާފައިންނާއި އާއިލާތަކަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ހިމެނޭ ހާއްސަ ސެޝަނެއްވެސް މި ހަވީރު ސައިގެ ތެރެއިން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ހަރަކާތްތަކުގެ ދެވަނަ ދުވަސް ކަމަށްވާ ސެޕްޓެންބަރު 2 ވާ ބުދަ ދުވަހު، ޕެންޝަން އޮފީހާއި ބ. އޭދަފުށީގެ އެހެނިހެން މުއައްސަސާތައް ގުޅިގެން ހާއްސަ އާއިލީ ހަވީރެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި އާއިލީ ހަވީރުގައި ތަފާތު އުމުރުފުރާތަކަށް ހާއްސަ ކުޅިވަރުތަކާއި މަޖާ ހަރަކާތްތައް ހިމެނޭނެ ކަމަށާއި، މިއީ މާމަކާފައިންނާއި، ކުޑަކުދިން އަދި މުޅި އާއިލާ އެކުގައި އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއް ކަމަށް އެ އޮފީހުން ބުނެއެވެ.
ޕެންޝަން އޮފީހުން ހާމަކުރި ގޮތުގައި މިފަދަ ހަރަކާތްތަކެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ އާއިލާތަކާއި، މުޖުތަމައު އަދި ގައުމު ބިނާކޮށް ވަރުގަދަ ކުރުމުގައި މާމައިންނާއި ކާފައިން އަދާކޮށްފައިވާ އަދި އަދާކުރަމުންދާ މުހިންމު ދައުރުގެ އަގުވަޒަންކޮށް، އެކަން ފާހަގަކުރުމެވެ. ހަމައެއާއެކު، އާއިލާތައް އެއްތަނަކަށް އެއްވެ، އެކުގައި އުފާވެރި ވަގުތުތަކެއް ހޭދަކޮށް، ޖީލުތަކުގެ މެދުގައި އޮންނަ ލޯތްބާއި ގުޅުން އިތުރަށް ބަދަހިކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ.
ގައުމީ މާމަކާފަ ދުވަހުގެ މި ހާއްސަ ހަރަކާތްތައް ކުރިއަށް ގެންދަނީ ޕެންޝަން އޮފީހުގެ އިތުރުން ބ. އޭދަފުށީ ކައުންސިލާއި، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަދި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގުޅިގެންނެވެ.
